މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީގެ 2014 ވަނަ އަހަރު ހަރަދުތައް ކޮށްފައި ވާނީ ލިބިފައިވާ ފައިސާ އިން ޒިންމާދާރުކަމާ އެކު ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އެމިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މާލީ ބަޔާންތަކުގައި ޖަހާފައިވާ ގިނަ އަދަދުތައް ދިމާ ނުވެ އެވެ.

އެކަމަށް ރައްދުދީ އެންވަޔަރަންމަންޓް މިނިސްޓްރީން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެއީ ޕަބްލިކް އެކައުންޓް ސިސްޓަމާއި އެމިނިސްޓްރީގެ ހިސާބުތައް ރިކޮންސައިލް ކުރުމުގެ ތެރެއިން ދިމާވި މައްސަލައެއް ކަމަށެވެ. ފައިސާ ހޭދަކޮށްފައި ވަނީ ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުގައި، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ، ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން، މިނިސްޓްރީގެ މާލީ ބަޔާންތައް ހަދާފައި ވަނީ ކޭޝް އެކައުންޓިންގެ އުސޫލުތަކާ ޚިލާފަށް ކަމަށާއި 2014 ވަނަ އަހަރުގެ ފައިނަލް ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމުގެ ބަޖެޓު ރިޕޯޓާ އަދަދުތައް ދިމާ ނުވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ މިނިސްޓްރީގެ ފައިނަލް ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ، ޕަބްލިކް އެކައުންޓިން ސިސްޓަމުގެ ބަޖެޓުގައިވާ އަދަދަށް ވުރެ 5.6 މިލިޔަން ރުފިޔާ މަދު އަދަދެއް ކަމަށެވެ.

އެއޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.