ވޭލްސްގެ ކުރީގެ ފޯވާޑް އައިވޯ އޫޗަޗް 1958 ވަނަ އަހަރު ވޯލްޑް ކަޕްގައި ހަދާފައިވާ ރެކޯޑެއް މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގެރެތް ބޭލް މުގުރާލައިފި އެވެ.

މީގެ 58 އަށް އަހަރު ކުރިން ސްވިޑެންގައި ބޭއްވި ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މެޗުގައި ގޯލު ކާމިޔާބު ކުރި ވޭލްސްގެ ފުރަތަމަ ކުޅުންތެރިއަކީ އައިވޯ އޫޗަޗް އެވެ. އެ ރެކޯޑް ބޭލް މުގުރާލީ ރޭ ރަޝިޔާއާ ދެކޮޅަށް ވޭލްސް ކުޅުނު މެޗުގައި ޖެހި ގޯލާ އެކު އެވެ.

މީގެ ކުރިން އެއް ފަހަރު ވޯލްޑް ކަޕްގައި ކުޅެ އެ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ވޭލްސް މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތައް ކޮލުފައިވި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ޔޫރޯ އަށް ވޭލްސް ކޮލިފައި ކޮށް ދިނިމުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކޮށްފައި ވަނީ ބޭލް ކަން ފާހަގަކޮށްލެވެ އެވެ.

ވޭލްސް ހިމެނޭ ގުރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި އެ ޓީމް ދެވަނަ ބުރަށް ދަތުރު ކޮށްފައިވާ އިރު އެ ޓިމް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅު ވެފަ އެވެ. ބަލިވީ ގުރޫޕްގެ ދެވަނަ އަށް ދިޔަ އިނގިރޭސިން އަތުންނެވެ.

އެ މުބާރާތުގައި ވޭލްސް ކުޅުނު ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން 2-1ގެ ނަތީޖާ އަކުން މޮޅުވި އިރު އެ ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބް ކޮށްދިނީ ބޭލް އެވެ. އަދި ދެވަނަ މެޗުގައި އިނގިރޭސިން އަތުން 2-1ގެ ނަތީޖާ އަކުން ވޭލްޝް ބަލިވި އިރު އެ ޓީމްގެ ހަމަ އެކަނި ގޯލް ވެސް ކާމިޔާބު ކޮށްދިނީ ބޭލް އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭލް ކާމިޔާބު ކުރި ތިން ގޯލާ އެކު މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ރެއާލް މެޑްރިޑްގެ ހަލުވި ފޯވާޑް ބޭލް އެވެ.