ގެއެއްގެ ކުލި ދައްކާފައި ނުވާ ކަމަށް ބުނެ، ކުއްޔަށް ހިފި ފަރާތް ގެއިން ބޭރުކޮށް މުދަލާއި ތަކެތި ގޭގެ ވެރިފަރާތުން ހިފަހައްޓައިފި އެވެ.

ހ. ވެލްޑްރޯއާގޭގެ ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން އުޅުނު މ. މުލަކު، ގުލިސްތާނުގޭ ޝާކިރު އަލީ، ކުލި ދައްކާފައި ނުވާ ކަމަށް ބުނެ، އޭނާގެ މައްޗަށް ހ. ވެލްޑްރޯއާގޭ ވެރިފަރާތް، ފާތުމަތު ރަޝީދާ ކުރާ ދައުވާގެ ޝަރީއަތުގައި، ރަޝީދާ ބުނީ ގޭގެ ކޮޓަރިތަކުގައި ޝާކިރު ބަހައްޓާފައިވާ މުދަލާއި ތަކެތި މިއަރުގެ ޖެނުއަރީ މަހުން ފެށިގެން ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބުނީ އެތަކެތި ދޭނީ ގޭގެ ކުލި ދެއްކުމުން ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ކޯޓަށް މައްސަލަ ވެއްދި އިރު، ފަސް މަހުގެ ކުލި ނުދައްކާ ހުރުމަށްފަހު ތިން މަހުގެ ކުލި ޝާކިރު ދެއްކި ނަމަވެސް އަދިވެސް ދެމަހުގެ ކުލި ނުދައްކާ އެބައޮތް ކަމަށްވެސް ރަޝީދާ ބުންޏެވެ.

ދައުވާ ރައްދުވާ ޝާކިރު ބުނީ ކުއްޔަން ހިފާފައިވާ ގޭގެ ކުލި އެއްކޮށް ދައްކާފައިވާނެ ކަމަށާއި ގޭގެ ވެރިފަރާތުން އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި މިދިޔަ އަހަރު އެ ގޭގައި ދިރިއުޅެމުން ދަނިކޮށް، ކަރަންޓާއި ފެން ގޭގެ ވެރިފަރާތުން ކަނޑާލާފައިވާ ކަމަށާއި އެ ގެއަށް ވަނުން ވެސް މަނާކޮށްފައިވާ ކަމަށެވެ. ޝާކިރު ވަނީ ވެލްޑްރޯއާގޭގައި ހުރި އޭނާގެ މުދާ ވީ އެންމެ އަވަހަކަށް ނެރެދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.