21 Jun 2016, 10:32
ސްޕެއިންގެ ޕެޑްރޯ ރޮޑްރިގޭޒްގެ ކޮމެންޓްތަކުގެ ސަބަބުން އޭނާ އަށް އެއްވެސް އަދަބެއް ނުދޭނެ ކަމަށް ސްޕެއިންގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ސްޕެއިންގެ ބެންޗުގައި އިންނަން ހިތްހަމަނު ޖެހޭ ކަމަށާއި އެހެން ނިންމުމެއް ނިންމަން ޖެހިދާނެ ކަމަށް މިދިޔަ ހޯމަ ދުވަހު ޕެޑްރޯ ބުނި ނަމަވެސް، ފަހުން އޭނާގެ އެ ކޮމެންޓްތަކަށް ޕެޑްރޯ ވަނީ މައާފަށް އެދިފަ އެވެ. ޕެޑްރޯ ވަނީ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެ، 1-0 ލަނޑުން ސްޕެއިން މޮޅުވި މެޗުގައި އަށް މިނެޓަށް ކުޅެފަ އެވެ.
"ޕެޑްރޯގެ ކޮމެންޓްތަކުން އަަހަރެންނަށް ހައިރާން ކަމެއް ލިބުނު. އޭނާގެ އަމިއްލަ ހިޔާލެއް ހިއްސާ ކުރުމަކީ ގޯސްކަމެއް ނޫން. އަހަރެން ޕެޑްރޯއާ ވާހަކަ ދެއްކިން އަދި އޭނާ މައާފަށް ވެސް އެދުނު. އެއްވެސް މައްސަލައެއް އުފައްދަން ބޭނުންނުވާ ކަަމަށް ވެސް އޭނާ ބުނި. އަހަރެން އޭނާ އަށް އަދަބެއް ނުދޭނަން،" ޑެލް ބޮސްކޭ ބުންޏެވެ.
އޭނާ ބުނީ، މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ބޭނުންކުރާނެ ކުޅުންތެރިން މިހާރު ވެސް ނިންމާފައިވާ ކަމަށާއި ޕެޑްރޯގެ ކޮމެންޓްތަކުގެ ސަބަބުން ބަދަލެއް ނާންނާނެ ކަމަށެވެ.
"މި ޓީމަކީ އާއިލާއެއް ފަދަ ޓީމެއް. ޓީމުގައި ރަނގަޅު މާހައުލެއް އެބައޮތް. އެކަމެއް ބަދަލެއް ނުވާނެ. ޕެޑްރޯގެ ކޮމެންޓްތަކުން ޓީމަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. ޓީމަށް ނާރާ ކުޅުންތެރިން ތިބޭނެ. އަދި ބައެއް ކުޅުންތެރިން އެކަމާ ހިތްހަމަ ވެސް ނުޖެހޭނެ. ޕެޑްރޯ އެވަނީ އެކަމަށް މައާފަށް އެދިފައި،" ޑެލް ބޮސްކޭ ބުންޏެވެ.
ޔޫރޯގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން މާދަމާ ރޭ 12:00ގައި ނުކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.