21 Jun 2016, 02:27
ފްރާންސްގައި މިހާރު ކުރިއަށްދާ ޔުރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވޭލްސް އާއި ރަޝިއާ ކުޅުނު ފަހު މެޗުގައި 3-0ގެ ނަތީޖާއަކުން ރަޝިއާ ބަލިކޮށް ގްރޫޕް "ބީ"ގެ އެއްވަނަ ޓީމުގެ ގޮތުގައި ވޭލްސް ދެވަނަބުރަށް ދަތުރުކޮށްފިއެވެ.
ވޭލްސްއަތުން ބަލިވުމުން ރަޝިއާއަށް ވަނީ މިފަހަރުގެ މުބާރާތުގައި އެޓީމު ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައި އޮވެ މުބާރާތާ އަލްވަދާއުކިޔަން ޖެހިފައެވެ.
އެ ގުރޫޕްގެ އެއްވަނަ ވޭލްސް އަށް ލިބެނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބް ކޮށް ހަ ޕޮއިންޓާ އެކުއެވެ. ދެވަނަ ޓީމްގެ ގޮތުގައި ފަސް ޕޮއިންޓާ އެކު އިނގިރޭސިން ދެވަނަ ބުރަށް ދިޔަ އިރު އެ ޓީމް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެފައިވާ އިރު މޮޅުވީ ވޭލްސް އަތުން އެކަންޏެވެ. އެ ގުރޫޕްގެ ތިން ވަނަ ހަތަރު ޕޮއިންޓާއި އެކު ސްލޮވާކިއާއަށް ލިބުނު އިރު ރަޝިޔާ އޮތީ ގުރޫޕްގެ ފުލުގައި އެއް ޕޮއިންޓާއި އެކުއެވެ.
މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ދާދި އެއްވަރުގެ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ވޭލްސް އިން ވަނީ މެޗުގެ ކުރީ ކޮޅުގައި ލީޑު ނަގާފައެވެ. މެޗުގެ 11 ވަނަ މިނެޓްގައި އާރޮން ރަމްސީ އެ ލަނޑު ކާމިޔާބުކުރީ ކުރީ ޖޯ އެލަން ދިން ރީތި ބޯޅައެއް ރަޝިއާ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ވޭލްސްގެ އެ ލަނޑަށްފަހު ރަޝިއާއަށް ހަމަ ޖެހި ނުލެވިއުޅެނިކޮށް ނީލް ޓެއިލާ ވަނީ ވޭލްސް އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ޓެއިލާ ކާމިޔާބުކުރީ ރަޝިއާ ޕެނަލްޓީ އޭރިއާ ކުރިމަތިން ގެރެތު ބޭލް ޖައްސާލި ބޯޅަ އެއް ރަޝިޔާ ކުޅުންތެރިއެއްގެ ފައިގަ ޖެހި ޓެއިލާއަށް ލިބުމުންނެވެ. ޓެއިލާ ފުރަތަމަ ފޮނުވާލި ބޯޅަ ރަޝިއާ ކީޕަރު ދިފާއު ކުރި ނަމަވެސް ރީބައުންސްވެގެން އައި ބޯޅަ އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލްތެރެއަށް ފޮނުވާލައިފައެވެ.
ދެ ލަނޑުގެ ލީޑަކާ އެކު ވޭލްސް އިން ފުރަތަމަ ހާފު ނިންމާލި އިރު ދެވަނަ ހާފްގައި ވޭލްސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. ވޭލްސްގެ ފަހު ލަނޑު މެޗުގެ 67 މިނެޓްގައި ބޭލް ކާމިޔާބު ކުރީ ރަމްސީ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިރޭގެ މެޗުގައި ބޭލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އޭނާ ވަނީ ވޭލްސް ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހާފައެވެ. ޖުމްލަ ތިން ލަނޑާ އެކު މިފަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ބޭލް އެވެ.
ޔޫރޯގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ "ގްރޫޕް ސީ" އަދި "ގްރޫޕް ޑީ"ގެ ފަހު މެޗުތަކެވެ. ގްރޫޕް ސީގައި ޔޫކްރޭނާއި ދެކޮޅަށް ޕޮލެންޑް ނުކުންނަ އިރު، ނޮދަން އަޔަލެންޑާ ދެކޮޅަށް ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ނުކުންނާނެ އެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00 ގައެވެ. ގްރޫޕް ޑީގައި މާދަމާ ރޭ ތުރުކީއާ ދެކޮޅަށް ޗެކް ރިޕަބްލިކް ނުކުންނަ އިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ނުކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12:00 ގައެވެ.