ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ "ގްރޫޕް ބީ"ގެ ދެވަނައިގެ ގޮތުގައި އިނގިރޭސިންނަށް ދެވަނަ ބުރުން ޖާގަ ލިބި، ތިން ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ސްލޮވާކިއާ އިން ބޮޑުކޮށްފި އެވެ.

މިރޭ އިނގިރޭސިންނާއި ސްލޮވާކިއާ ކުޅުނު މެޗު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި އިރު، ވޭލްސް ވަނީ 3-0 ލަނޑުން ރަޝިއާ އަތުން މޮޅުވެ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ކުޅުނު ތިން މެޗުން ވޭލްސް އަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، އިނގިރޭސިންނަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ސްލޮވާކިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ރަޝިއާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ޔޫރޯގެ "ގްރޫޕް ބީ"ގައި އިނގިރޭސިންނާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ

އިނގިރޭސިން އަތުން ސްލޮވާކިއާ އިން ޕޮއިންޓެއް ހޯދުމާއެކު، "ގްރޫޕް އޭ" އިން ތިން ވަނަ ހޯދި އަލްބޭނިއާ އަށް ވަނީ ދެވަނަ ބުރުގެ ޖާގަ ގެއްލިފަ އެވެ. "ގްރޫޕް އޭ"ގެ ތިން ވަނައިގައި އޮތް އަލްބޭނިއާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިން ވަނައިގައި އޮންނަ ހަތަރު ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭ އިރު، ގްރޫޕް އޭ، ގްރޫޕް ބީ އަދި ގްރޫޕް އެފްގެ ތިންވަނަ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރުން ޖާގަ ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، އިނގިރޭސިން ވަނީ ސްލޮވާކިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އިނގިރޭސިން މިރޭގެ މެޗަށް ނުކުމެފައިވަނީ ބަދަލުތަކަކާއެކު އެވެ. އިންގްލެންޑްގެ ފުރަތަމަ 11 އިން ކެޕްޓަން ވޭން ރޫނީ އާއި ހެރީ ކޭން ނުފެނުނު އިރު، ޖެމީ ވާޑީ އަށް ވަނީ ފުރުސަތު ދީފަ އެވެ.

މެޗުގެ 17 ވަނަ އިނގިރޭސިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖޯޑަން ހެންޑަސަން ދިން ރީތި ބޯޅައަކުން ސްލޮވާކިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވާޑީ އުފެއްދި ހަމަލާ، ކީޕަރު މަޓުސް ކަޒާސިކް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ވެސް އިނގިރޭސިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނޭތާނިއަލް ކްލައިން ދިން ބޯޅައަކުން އެޑަމް ލަލާނާ އުފެއްދި ބާރު ހަމަލާ، ސްލޮވާކިއާގެ ކީޕަރު ކަޒާސިކް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ސްލޮވާކިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ތޯމަސް ހުބޯކަން ނަގައިދިން ހުރަސް، އިންގްލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ޖޯ ހާޓް އަށް ދިނުމަށް ކްރިސް ސްމޯލިން ޖައްސާލި ބޯޅަ މަޑުވުމުން އޭގެ ފައިދާ ނެގެން އޮއްވާ ސްލޮވާކިއާގެ ރޮބާޓް މެކް އަށް ވަނީ އެކަން ނާކާމިޔާބުވެފަ އެވެ.

ޔޫރޯގެ "ގްރޫޕް ބީ"ގައި އިނގިރޭސިންނާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ 62 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިންގްލެންޑްގެ ޑެލޭ އަލީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހެންޑަސަން ދިން ބޯޅައަކުން ސްލޮވާކިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އަލީ އުފެއްދި ހަމަލާ، ޑިފެންޑަރު މާޓިން ސްކާޓެލް ވަނީ ދިފާއުކޮށްފަ އެވެ. އެ ހަމަލާ އަލީ އުފައްދާފައިވަނީ ކުޅެން ނުކުތްތާ ދެ މިނެޓު ވެސް ނުވަނީސް، އޭނާ އަށް ލިބުނު ފުރަތަމަ ބޯޅައިންނެވެ.

ޔޫރޯގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ "ގްރޫޕް ސީ" އަދި "ގްރޫޕް ޑީ"ގެ ފަހު މެޗުތަކެވެ. ގްރޫޕް ސީގައި ޔޫކްރޭނާއި ދެކޮޅަށް ޕޮލެންޑް ނުކުންނަ އިރު، ނޮދަން އަޔަލެންޑާ ދެކޮޅަށް ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ނުކުންނާނެ އެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00 ގައެވެ. ގްރޫޕް ޑީގައި މާދަމާ ރޭ ތުރުކީއާ ދެކޮޅަށް ޗެކް ރިޕަބްލިކް ނުކުންނަ އިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ނުކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12:00 ގައެވެ.