21 Jun 2016, 11:07
އިރުއޮއްސުމާ އެކު އެސަރަހައްދަށް އިންތިހާއަށް އަނދިރިކަން ވެރިވެ އެވެ. ދެން މާކަ ގިނައިރެއްނުވެ އެވެ. ގިނަ ބަޔަކު އެސަރަހައްދަށް ޖަމާވާން ފަށައިފި އެވެ. އެހެންދަމުން ގޮސް އެތައް ދަމެއް ވަންދެންވެސް މީހުން އެތަނަށް އެއްވަމުންނެވެ. އެހެން އެއްވާ މީހުންގެ ތެރެއިން ގިނަ ބަޔަކު އެތަނުގައި ދަނީ ތަފާތު ކުށްތައް ކުރަމުންނެވެ. އެއީ ކުށުގެ މަރުކަޒެކެވެ. މިދައްކަނީ މާލޭ ހުޅަނގު އުތުރު ފަރާތުގެ "ވެސްޓް ޕާކް" ސަރަހައްދުގެ ހާލަތެވެ.
ހިތްފަސޭހަ ގޮތަކަށް އެކި އުމުރުގެ ފަރާތްތަކުން ހިތްހަމަ ޖައްސާލުމަށް 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ރަސްފަންނާއި އިންވެގެން އޮންނަ ވެސްޓް ޕާކް ސަރަހައްދަކީ މިހާރު ފަޅު ސަރަހައްދެކެވެ. އެހާމެ އަނދިރި އެވެ. ހާއްސަކޮށް ވެސްޓްޕާކާ ދިމާލު މޫދުގައި މަސްބާނަން ހާއްސަކޮށް ހަދާފައިވާ ޖެޓީމަތި އަނދިރި އެވެ. އެޖެޓީ އަށް އަރާ ގޯޅި އެހާ އަނދިރި އެވެ. އެތަނުގައި ޖަހާފައި ހުރި ލައިޓްތަކުގެ ތެރެއިން ދިއްލެނީ އެންމެ ލައިޓެކެވެ. އަދި އެއްވެސް އަލިކަމެއް ނެތް ވެސްޓްޕާކު ތެރެއަށް އުނދަގުލެއްނެތި ވަދެވެން އޮވެ އެވެ.

އެސަރަހައްދުގެ އަނދިރިކަން އެހެން އޮންނައިރު އެއީ މިހާރު ޖަރީމާތަކުގެ މަރުކަޒެކެވެ. ބަދުއަހުލާގީ ގުޅުންތައް ހިންގުމަށް ގިނަ ބަޔަކު އެސަރަހައްދަށް ދެ އެވެ. އެންމެ ގިނައީ ޒުވާނުންނެވެ. އަދި އުމުރުން ވަރަށް ޅަ އަންހެން ކުދިން ވެސް ފިރިހެނުންނާ އެކު އެތަނުގައި އުޅޭތަން ވަނީ ފެނިފަ އެވެ. ރޭ ވުމަށް ފަހު ވެސްޓްޕާކާއި މަސްބާނާ ޖެޓީއާ ދޭތެރޭ އޮންނަ ގޯޅީގައި އެތައް ބަޔަކު އެއަމަލުތައް ހިންގަންތިބެއެވެ. އެތަކެއް ބަޔަކު އެތަނަށް އެއްވެ ކޮންމެ ރެއެކޭ ބުނެވޭހެން ތަފާތު ބަދުއަހުލާގީ އަމަލުތައް ހިންގަ އެވެ. ރޯދަ މަހު ވެސް އެކަން ހަމަ އެގޮތަށް ކުރިއަށްދެ އެވެ.
ބަދުއަހުލާގީ ގުޅުން ހިންގުމުގެ އިތުރުން މަސްތުވުމަށް ވެސް އެސަރަހައްދު ބޭނުންކުރެ އެވެ. ގްރޫޕޫތަކުން އެއްވެ އެތަނުގައި ދަނީ މަސްތުވަމުންނެވެ. އެސަރަހައްދަށް ގޮސް ބަލާލުމުން މަސްތުވާން ބޭނުންކޮށްފައި ހުންނަ ތަކެތި ފެންނަން ހުރެ އެވެ. މާލޭގެ ބައެއް ގްރޫޕުތަކުގައި އުޅޭ ފަރާތްތަކުން ވެސް ވަނީ އެތަނަށް މަސްތުވާން ދާކަމަށް ބުނެފަ އެވެ.
"ވަރަށް ގިނަ އަންހެން...[ކުދިން] އަންނާނެ ބިޑިބޯން[މަސްތުވާން]." މާލޭގެ ގުރޫޕަކަށް ނިސްބަތްވާ މީހަކު ބުންޏެވެ.

ވެރިކަންކުރާ މާލޭގެ އެކިއެކި ހިތްފަސޭހަ މައިދާންތައް ނުވަތަ ހުސްބިންތަކަކީ އަބަދު ވެސް ކުށުގެ ވެއްޓަށްވެފައިވާ ތަންތަނެވެ. ބުރިޖު އެޅުމަށް ރާޅުގަނޑު ސަރަހައްދުގެ ޕާކްތަކާއި ތަރައްގީ ކުރުމަށް ސަލްޓަން ޕާކް ބަންދު ކުރުމުން ޖަރީމާތައް ހިންގާ މީހުން މިހާރު އެއްވާ މަރުކަޒަކަށް ބަދަލުވެފައި މިވަނީ ވެސްޓް ޕާކް ސަރަހައްދެވެ. އެތަނުގައި ދަނީ އެތައް ކުށަކަށް އަރައިގަންނަމުންނެވެ.
ފުލުހުން ވެސް ވަނީ އެސަރަހައްދުގައި ތަފާތު ކުށްތައް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެސަރަހައްދުގައި އެތައް ކުށަކަށް އަރައިގަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޖަރީމާހިންގުމަށް އިތުރު މައިދާނެއް އަނެއްކާ ވެސް މިއުފަންވީ އެތަން އަލިނުކޮށް އޮތުމުގެ ސަބަބުންކަން ޔަގީނެވެ. މާލޭގެ ހުސްބިންތަކާއި މައިދާންތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެހެން ތަންތަން އަނދިރިކޮށް ނުބަހައްޓާނެ ކަމަށާއި އެކަންކަން ހައްލުކުރާނެ ކަމަށެވެ.

މީގެ ކުރިން ރެސްޓޯރެންޓެއްގެ ގޮތަށް ހިންގަމުން ދިޔަ އެސަރަހައްދު ބަންދުކޮށްފައި ވަނީ މިދިޔަ އަހަރު މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އެސަރަހައްދު ބަންދުކޮށްފައި ވަނީ ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެތަން ހުސްކޮށް އަމިއްލަ އެހެެން ފަރާތަކާ ހަވާލުކުރި އެވެ. ނަމަވެސް މިހާ ދުވަސްވީ އިރު ވެސް އެތަން ނުހިންގާއޮތް ސަބަބެއް ބެލުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.
ހިތްފަސޭހަ މައިދާނަކާއި އިންވެގެން އޮންނަ ސަރަހައްދެއް މިވަނީ ޖަރީމާ ހިންގުމުގެ މަރުކަޒަކަށް ބަދަލުވެފަ އެވެ. މިއީ އެތައް ބަޔަކު މަގުން ކައްސާލުމަށް އޮތް ފުރުސަތެކެވެ. އެހެންކަމުން އެފަދަ ކަންކަން ހައްލު ކުރުމަށް ކުށުގެ ވެއްޓަކަށް ނުވާނެގޮތްތަކަށް އެސަރަހައްދު ބަދަލު ކުރަން ޖެހެ އެވެ. ހަމައެއާ އެކު ފުލުހުން އެފަދަ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަން ޖެހެ އެވެ.