އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސް އިން ކްލަބު އީގަލްސް ހިފަހައްޓައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ އީގަލްސް އާއި ބީޖީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ ނަތީޖާއާއެކު ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައި އީގަލްސް އޮތް އިރު، ލީގުގެ ހަތް ވަނައިގައި ބީޖީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެގޮތުން އީގަލްސްގެ އަހްމަދު ރިޒުވާނާއި ބީޖީގެ އިބްރާހިމް ޝިޔާމް (ދޮނާ) އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ރިޒުވާންގެ ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ދޮނާގެ ހަމަލާގެ ހުރަހަކަށްވީ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓު ފަހުން ބީޖީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ދޮނާގެ ހަމަލާގެ ހުރަހަކަށް މި ފަހަރު ވެސް ވެފައިވަނީ އީގަލްސްގެ ކީޕަރު ސުޖަން އެވެ. ދޮނާގެ އެ ހަމަލާގެ ކުރިން ބީޖީގެ ކިންގްސްލީ އެލެޗީ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި އީގަލްސް އަށް ލަނޑު ޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ރިޒްވާނަށް ލިބުނު ބޯޅައިން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު ހަނީފް ސާގިބުގެ އަތަށެވެ.

އޭގެ ދިހަ މިނެޓު ފަހުން އީގަލްސް އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރިޒްވާން ދިން ބޯޅައަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އަންސަރު އިބްރާހިމް (އަންކޮ) އުފެއްދި ހަމަލާ، ބީޖީގެ ޑިފެންޑަރެއް ގައިގައި ޖެހިފައި ވަނީ ބްލޮކްވެފަ އެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އީގަލްސްގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) ވަނީ ބީޖީގެ ޕެނަލްޓީ އޭރިޔާ ބޭރުން ނުރައްކާތެރި ހަމަލާއެއް އުފައްދައިފަ އެވެ. އޭނާ އުފެއްދި ހަމަލާ، ބީޖީގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ލީގުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ.