"އަހަރެންގެ ނަމަކީ ކެސީ އެވެ. ނަރުސްކަން ކިޔަވައި ނިންމައިގެން އެންމެ ފުރަތަމަ ވެސް އަހަންނަށް ހަވާލުވީ އަލްޒެއިމާ ބަލީގެ ޝިކާރައަކަށް ވެފައިވާ، ގޭގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ އިނގިރޭސިވިލާތުގެ ފިރިހެނެއްގެ ކަންކަން ބަލަހައްޓާށެވެ.

އޭނާއާ ބައްދަލުވި ފުރަތަމަ ދުވަހު ވެސް އެއީ މުސްލިމެއްކަން އަހަންނަށް އެނގުނެވެ. ކުރިން އެހެން ދީނެއް ނަމަވެސް، އޭނާ ވަނީ ފަހުން އިސްލާމްދީން ގަބޫލު ކޮށްފަ އެވެ.

އެހެންކަމުން އޭނާގެ ދީނާ ފުށޫ ނާރާ ގޮތަށް އަހަރެން ދެމުން ގެންދިޔަ ފަރުވާ އާއި އަޅާލުން ބައްޓަން ކުރީމެވެ. ކެއުމުގައި މުޅިން ވެސް ބޭނުންކުރީ ހަލާލު ކާނާ އެވެ. އަދި ގޭތެރޭގައި ވެސް ރާ ފަދަ އެއްވެސް އެއްޗެއް އަހަރެން ނުވައްދަމެވެ.

ބަލި މީހާ އަކީ އަލްޒެއިމާގެ ވަރަށް ނާޒުކު ސްޓޭޖަކަށް ގޮސްފައިވާ މީހަކަށް ވުމުން އެއްވެސް ކަމެއް އޭނާ އަކަށް ހަނދާނެއް ނުހުރެ އެވެ.

ކޮންމެ ދުވަހަކު ބަލި މީހާގެ ގާތަށް ގޮސް އުޅުމުގެ ތެރެއިން އަހަންނަށް ކަމެއް ފާހަގަވި އެވެ. ކޮންމެ ދުވަހެއްގެ ވެސް އެއް ގަޑިތަކެއްގައި، އޭނާ އެއް ހަރަކާތްތަކެއް ކުރާ ކަމެވެ. އަހަރެން ނުދަންނަ ބަހަކުން، ތަސްބީހަތަކެއް ވެސް ކިޔަ އެވެ. އަދި އަހަރެންގެ ކަނާތުން ނޫނީ އެއްވެސް އެއްޗެއް ނުވެސް ކަ އެވެ.

އެއީ އިސްލާމްދީނުގައި އޮންނަ ކަމެއްކަން އަހަންނަށް ވިސްނުނެވެ. އެހެންކަމުން އެކަމުގެ ހަގީގަތް ހޯދަން ބޭނުންވި އެވެ. ރައްޓެއްސެއްގެ ހިޔާލަކާ އެކު އިސްލާމްދީނުގެ ކަންކަމާ ގުޅިގެން މަޝްވަރާ ކުރާ އޮންލައިން ފޯރަމަކަށް އަހަރެން ވަނީމެވެ. އަދި ބަލި މީހާގެ ހަރަކާތްތަކާ ގުޅިގެން ސުވާލު ކުރީމެވެ.

އެއީ މުސްލިމުންގެ ނަމާދުގެ ހަރަކާތްތައް ކަމާއި، އޭނާ ކޮންމެ ދުވަހަކު ކިޔަނީ ނަމާދުގައި ކިޔާ ތަސްބީހަތަކާއި ދުއާތައް ކަމަށް އެ ފޯރަމުގެ މީހަކު އަހަރެންގެ ގާތުގައި ބުންޏެވެ. ނަމަވެސް އަހަރެން ގަބޫލެއް ނުކުރަމެވެ. އެވާހަކަތައް ގަބޫލު ކުރަން މަޖުބޫރުވީ މުސްލިމަކު ނަމާދުކުރާ ވީޑިއޯއެއް ފެނުމުންނެވެ.

ސުބުހާނަﷲ އެވެ! އަހަންނަށް ލިބުނީ ޝޮކެކެވެ. އަމިއްލަ މީހާގެ ނަމާއި، އަދާކުރި ވަޒީފާ އާއި އަނބި ދަރީންގެ މަތިން ހަނދާން ނެތި، އަމިއްލައަށް ކާ އެތިކޮޅެއް އަނގަޔަށް ލާން ނޭނގޭ ހާލަތަށް ވެއްޓިފައި އިން މީހަކު ނަމާދު ކުރާނެ ގޮތް ހަނދާން އެބަހުއްޓެވެ. ތަކުބީރުތަކާއި އާޔަތްތައް ހަނދާން އެބަހުއްޓެވެ.

އަހަރެން އަޖައިބުވެ އަންތަރީސްވި އެވެ. އަދި އޭނާ ގަބޫލުކޮށްގެން ހުރި ދީނުގެ މަތިވެރިކަން ވިސްނި، ދީނުގެ ކަންކަން އޭނާއަށް ފަސޭހައިން ކުރެވޭނެ މަގު ފަހިކޮށްދޭން ބޭނުންވި އެވެ.

އެގޮތުން ކޮންމެ ދުވަހަކު އެ އޮންލައިން ފޯރަމަށް އަހަރެން ވަންނަމެވެ. އަދި އިސްލާމްދީނާ ގުޅުން ހުރި ކަންކަން ދަސްކުރަން ފެށީމެވެ. އެހެން އުޅުމުގެ ތެރޭގައި ތަރުޖަމާ އާއެކު ގުރުއާން އަޑު އެހޭނެ ލިންކެއް އަހަންނަށް ފެނުނެވެ.

ގުރުއާން އަޑު އަހާ ކޮންމެ ފަހަރަކު އަހަރެންގެ ހަށިގަނޑުން ހީބިހި ނަގައިގެންދެ އެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެން ގުރުއާން އަޑު އަހަމެވެ. އަދި އަހަރެންގެ އައިޕޮޑަށް ގުރުއާން އަޅައިގެން އަހަރެން ބަލަމުން ދިޔަ ބަލި މީހާއަށް ގެންގޮސްދިނީމެވެ.

ގުރުއާން އަޑު އަހާފައި އޭނާގެ ލޮލުން އުފަލުގެ ކަރުނަ އޮހެން ފެށި އެވެ. އެއަށް ވުރެ އުފާވެރި މަންޒަރެއް އަހަރެން ދުވަހަކު ވެސް ނުދެކެމެވެ.

އަހަރެން ފުރަތަމަ އޮންލައިން ފޯރަމާ ގުޅުނީ ބަލި މީހާއަށްޓަކަ އެވެ. ނަމަވެސް ފަހުން އެ ފޯރަމަށް ވަދެވެނީ އަމިއްލަ ސިކުނޑީގައި ހުރި ސުވާލުތަކަށް ޖަވާބު ހޯދާށެވެ. ދިރިއުޅުމުގައި ހިތްދަތި އެތައް ކަމެއް ހިނގާފައިވީ ނަމަވެސް އަހަރެން ހުރީ އުފަލުން ކަމަށް ހީކުރީމެވެ. ނަމަވެސް، ބަލި މީހާ އާއެކު ވަގުތު ހޭދަކުރަމުން ދިޔަ ވަރަކަށް އަހަރެންގެ ހަޔާތުގައި ކަމެއް މަދުވާކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. އެހާ ބަލި ހާލުގައި ވެސް އޭނާ ފެންނަނީ ވަރަށް ހިތްހަމަޖެހި އުފަލުގައި ހުންނަ ތަނެވެ. އެ އިހުސާސް ކުރަން އަހަރެން ވެސް ބޭނުންވި އެވެ.

އެންމެފަހުން އަހަރެން މިސްކިތްތަކަށް ދާން ފެށީމެވެ. މުސްލިމުން ނަމާދު ކުރާ މަންޒަރު ފެނި އަހަންނަށް ރޮވެ އެވެ. އަދި މިސްކިތުގެ އިމާމު އަދި އޭނާގެ އަންހެނުންގެ ކައިރިން އަހަރެންގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ހޯދީމެވެ.

ނަމަވެސް އިސްލާމްދީން ގަބޫލު ކުރުމާ މެދު އަދިވެސް ހުރަހެއް ވާކަން އިހުސާސް ކުރެވުނެވެ. އިސްލާމްދީނަކީ ހައްގު ދީންކަން އަހަންނަށް ކަށަވަރުވެ ނިމިއްޖެ އެވެ. ނަމަވެސް އަދިވެސް ކޮންމެސް ސަބަބަކާ ހުރެ އެ ދީން ގަބޫލު ކުރަން އަހަރެން ދިޔައީ ފަސް ޖެހެމުންނެވެ.

އެ ސަބަބު އަހަންނަށް ފެނުނީ ބަލި މީހާގެ ލޮލުންނެވެ. އެ ލޮލުގައިވާ ތެދުވެރިކަމާއި އީމާންތެރިކަން އަހަންނަށް ދުވާލުގެ އިރު ފަދައިން ސާފުކޮށް ފެންނަން ހުއްޓެވެ. އިސްލާމްދީން ގަބޫލު ކުރުމަށް އަހަރެން ފަސްޖެހެމުން ދިޔައީ އެހެންވެ އެވެ. އެފަދަ އީމާނެއްގެ ވެރިއަކަށް ނުވެވިދާނެތީ އެވެ. އަހަންނަށް އިސްލާމްދީނަށް މަގު ދެއްކެވުމަށް މާތް ﷲ މެދުވެރި ކުރީ އެ ހާލު ދެރަ ބަލި މީހާ އެވެ. ﷲ ތެދުމަގު ދައްކަވަން ހުރި އަޅަކަށް މަގު ދައްކަވާނެ އެވެ. އަހަންނަށް އެ މަގު ވަނީ ކޮށައި އަލިވެފަ އެވެ.

ހިތުގައި އޮތް ބިރުވެރިކަން ފިލުވާލައި އެ ދުވަހު މިސްކިތަށް ގޮސް ޝަހާދަތުގެ ދެކަލިމަ ކިޔައި މާތް މަތިވެރި ދީނުގެ ހިޔާވަހިކަން އަހަރެން ލިބިގަތީމެވެ. އެދުވަހު އެ ކުރެވުނު އިހުސާސް އަހަންނަށް ބަޔާން ވެސް ކޮށް ނުދެވޭނެ އެވެ. ހީވީ ފުން ނިންޖަކުން ހޭލެވި، މުޅި ތަން ސާފުކޮށް ފެންނަން ފެށި ހެންނެވެ. އަހަންނަށް ބަޔާންކުރަން ދަތި ހަމަޖެހުމަކާ އުފާވެރިކަމެއް އިހުސާސް ކުރެވުނެވެ.

އިސްލާމްވި ކަމުގެ އުފާވެރި ހަބަރު އަހަރެން ފުރަތަމަ ދިނީ ވެސް ބަލި މީހާ އަށެވެ. އަހަރެންނަށް ޓަކައި އުފާކޮށް އޭނާ ރުޔެވެ. އަހަރެންގެ ނަފްސުގެ ކޮންޓްރޯލް ގެއްލި އޭނާއަށް ޝުކުރު އަދާކޮށް އަހަރެން ވެސް ވަރަށް ރުއީމެވެ.

އަހަރެން އިސްލާމްވިތާ ހަފްތާއެއް ފަހުން އޭނާ މި ފަނާވަނިވި ދުނިޔެއާ ވަކިވެއްޖެ އެވެ. އޭނާ ނިޔާވީ ނިދީގައި އޮއްވަ އެވެ. އެއީ އަހަންނަށް ބައްޕައެއް ކަހަލަ މީހެކެވެ. އަހަރެންގެ ނޭވާ ހިނގާ ކޮންމެ ދުވަހަކު އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުއާ ކުރާނަމެވެ.

ު* ކެސީ ވަނީ 2010 ވަނަ އަހަރު މި ދުނިޔެއާ ވަކިވެފަ އެވެ. ދުނިޔެ ދޫކުރުމުގެ ކުރިން ކެސީ ވަނީ އޭނާގެ ބޭބެއަށް އިސްލާމްދީނަށް ވަނުމަށް ދައުވަތު ދީފަ އެވެ. އަދި އޭނާގެ ބޭބެ ވެސް ވަނީ އިސްލާމްދީން ގަބޫލު ކޮށްފަ އެވެ.