ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ޖަރުމަނުގެ ތޯމަސް މުލާ ދައްކާ ކުޅުން މީހުން ބުނާހާ ގޯސް ނޫން ކަމަށް އޭނާ ބުނެފި އެވެ.

ޔޫރޯގައި މުލާގެ ކުޅުން ދަށް ކަމަށް ބުނެ ބައެއް މީހުން ފާޑު ކިޔަމުންދާ އިރު، ފާއިތުވެދިޔަ ދެ ވޯލްޑް ކަޕުގައި ޖުމްލަ 10 ލަނޑު ކާމިޔާބުކުރި މުލާ އަށް ޔޫރޯ 2012 ވެސް އަދި މިހާރު ކުރިއަށްދާ ޔޫރޯގައި ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ޔޫރޯ 2012 އާއެކު މިހާތަނަށް ޔޫރޯގައި މުލާ ވަނީ ޖަރުމަނަށް ޖުމްލަ ހަތް މެޗު ކުޅެފަ އެވެ.

"މިހާތަނަށް ކަންތައް ދިޔަ ގޮތާ މެދު އަހަރެން ހިތްހަމައެއް ނުޖެހޭ. އެކަމަކު އަހަރެންގެ ކުޅުން ބައެއް މީހުން ބުނާހާ ގޯހެއް ނޫން. ކުރިއަށް އޮތްތާ އަހަރެންނަށް ލަނޑެއް ޖެހޭނެ ކަމަށް އުންމީދު ކުރަން. އެކަމަކު މުބާރާތް ފެށުމުގެ ކުރިން ބުނި ގޮތަށް އަހަރެންގެ އެންމެ މުހިއްމު ޓާގެޓަކީ ލަނޑު ޖެހުމެއް ނޫން،" ޔޫއެފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މުލާ ބުންޏެވެ.

އޭނާ ބުނީ، ރަނގަޅު ކުޅުމެއް ދެއްކިޔަސް މީހުންގެ ފާޑު ކިޔުންތައް އަމާޒުވާނެ ކަމަށާއި ބައެއް ދުވަސްތަކުގައި ރަނގަޅު ކުޅުމެއް ނުދެއްކި، ލަނޑު ޖެހުމުން ވެސް ބައެއް މީހުން ތައުރީފު ކުރާ ކަމަށެވެ. އަދި މީހުންގެ ފާޑު ކިޔުންތައް ބަލައިގަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫރޯގެ "ގްރޫޕް ސީ"ގައި ޖަރުމަން ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ނޮދަން އަޔަލެންޑާ ދެކޮޅަށެވެ. ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް ޖަރުމަނުން އަޔަލެންޑާ ދެކޮޅަށް ނުކުންނާނީ މާދަމާ ރޭ 9:00 ގައެވެ. އެ ގްރޫޕުގެ ދެވަނައިގައި އޮތް ޕޮލެންޑަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުވާނީ މާދަމާ ރޭ ކުޅޭ މެޗުތަކަށް ފަހު އެވެ. އެ ގްރޫޕުގައި ޕޮލެންޑާއި ޔޫކްރޭން ބައްދަލުކުރާ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00 ގައެވެ.