20 Jun 2016, 23:12
ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިޔުމާ ބެހޭ ގޮތުން ދައުލަތުގެ ސިޔާސަތު ހާމަކުރައްވައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމަ ތާއީދެއް ދެއްވުމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މައުރޫފު އެދިވަޑައިގެންފި އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މައުރޫފު ވިދާޅުވީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް މަޖިލީހަށް ފޮނުއްވާފައިވާ މި ބިލަކީ ވަރަށް ވެސް މުހިންމު ބިލެއް ކަމަށާއި ސިޔާސީ އެންމެހާ ފަރާތްތަކުންނާއި އާންމު ރައްޔިތުން ވެސް މި ބިލު ރަނގަޅު ގޮތުގައި ބަލައިގަތުމަކީ މިއަދު ގައުމީ ނަޒަރަކުން ބަލާ އިރު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ފަރުދީ ގޮތުން ވަކިވަކި ފަރާތްތަކުން އިސްވެ ތިބެ ޖިހާދުކުރުމުގެ މާނައިގައި މިހާރު އުފައްދައިގެން މި އުޅޭ އެކިއެކި ޖަމާއަތްތަކާ ގުޅިގެން އެ ގޮތަށް ޖިހާދަށް ގޮސް ހެދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމީ އުއްމަތުގެ ބޮޑެތި މުފްތީން ވެސް ފަތުވާ ދެއްވާފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމު ތަކުން ދީނީ އިލްމު އުނގެނިވަޑައިގެން ތިއްބެވި ދިވެހި ދީނީ އިލްމުވެރީން ވެސް އެގޮތަށް ޖިހާދުކުުރުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.
މައުރޫފު ވިދާޅުވީ، ޖިހާދުގެ ނަމުގައި މިހާރު މި ހިންގާ ހަރަކާތްތަކުގެ ޒިންމާ ވެސް ބައެއް ފަރާތްތަކުން އަޅުވަނީ ދީނީ އިލްމުވެރީންގެ ބޮލުގައި ކަމަށާއި އެހެން ނަމަވެސް ދީނީ އިލްމު ލިބިވަޑައިގެން ތިއްބެވި އިލްމުވެރީން އެކަމަށް ހިތްވަރު ނުދެއްވާ ކަމަށެވެ.
"ހަގީގަަތުގައި މި ހަރަކާތަކީ އެހެން ކަހަލަ މަގުސަދުތަކެއް ހާސިލުކުރުމަށް ސޯޝަލް މީޑިއާގެ ތެރެއިން ހިންގޭ ކެމްޕޭނެއްގެ ޖަޒުބާތުގައި ޖެހިގެން ކުރެވޭ ވަރަށް ވެސް ހިތާމަހުރި ކަމެއް. ޖިހާދަކީ އެއްވެސް ހާލެއްގައި މިހާރު މި މީހުން މި ކުރާ ގޮތަށް އެއްވެސް ހައްގަކާ ނުލައި މީހުން މެރުމާއި މަދަރުސާ ތަކާއި މިސްކިތް ފަދަ ބިނާތައް ފުނޑުފުނޑު ކުރުމާއި އަމިއްލަ އަށް މަރުވުން ފަދަ ކަންކަން އޮތް ކަމެއް ނޫން. އަދި އަމިއްލަ ވަކިވަކި ފަރުދުން ހަދައިގެން އުޅޭ ކުދިކުދި ޖަމާއަތްތަކުގެ ފަހަތަށް އަރައިގެން ކުރުން ހުއްދަ ކަމެއް ވެސް ނޫން،" މައުރޫފު ވިދާޅުވި އެވެ.
މައުރޫފު ވިދާޅުވީ، ޖިހާދަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގުސަދެއްގައި ލައްވާފައިވާ ކަމެއް ކަމަށާއި އެކަން އިސްލާމީ ތާރީޚުން އެނގޭ ކަމަށެވެ.
"ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް ބެލިޔަސް އަދި ސަޙާބީންގެ ހަޔާތްޕުޅަށް ބެލިޔަސް ސާފުކޮށް އެބަ އެނގޭ ޖިހާދަކީ ކިހިނެއް ކޮން ގޮތަކަށް ކޮން މަގުސަދެއްގައި ކުރެވޭ ކަމެއްކަން. އޭރު ޖިހާދު ކޮށްފައި ހުރީ ސީދާ އެފަދަ ބޭފުޅުންގެ ފަހަތްޕުޅުގައި އެ ބޭފުޅުންގެ އަރިހުގައި ތިބެގެން އިސްލާމް ދީނާއި ގައުމިއްޔަތުގެ ދިފާއުގައި. އެއްވެސް ހާލެއްގަ ފަރުދީ ގޮތުން ވަކިވަކި މީހުން އުފައްދާ ކުދިކުދި ޖަމާއަތްތަކާ ގުޅިގެން ގަައުމުތައް ސުންނާފަތިކޮށް އިންސާނުން މަރައި ކަރާމާތްތެރިވެގެންވާ ބިނާތައް ތަޅައި ސުންނާފަތިކުރުމަކީ ޖިހާދު ކުރުމެއް ނޫން." މައުރޫފު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސަބަބުތަކަށް ބަލާ އިރު، ޖިހާދާ ގުޅޭ ގޮތުން ހަގީގީ ސައްހަ މައުލޫމާތު ލިބިދިނުމުގެ މުހިންމުކަން ވެސް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ޖިހާދު ކުރުމުގެ ނަމުގައި މިހާރު ވަކިވަކި ފަރުދުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ޖަމާއަތްތަކުގެ މުގުލުގައި ތިބީ ދީނީ ތައުލީމު އުނގެނިވަޑައިގެން ތިއްބެވި ދީނީ ހުކުމްތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.