ރާއްޖޭގެ ރަށްތަކުގައި ހިންގަމުން އަންނަ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުންވެސް ގްރީން ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު، ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައުލަތަށް ނެގޭނެ ކަމަށެވެ.

ނިހާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ފަތުރުވެރިންގެ އަތުން ޓެކްސް ނަގައި، އެ ފައިސާ ދައުލަތަށް ދެއްކުމަކީ އެ ފަތުރުވެރިޔަކު ހުރި ތަނެއްގެ ވެރިމީހާގެ ޒިންމާއެއް ކަމަށެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާ ތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އޭރު ގެސްޓްހައުސް ތަކުން ޓެކްސް ނަގަން ނިންމާފައި ނުވަނީ އެއީ ވަރަށް އާ ވިޔަފާރިއަކަށް ވުމުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.