މިދިޔަ މަހުގެ ކުރީ ކޮޅު ޑޮލަރު ގަނެ ވިއްކާ އަގަށް ސަރުކާރުން ކަނޑައެޅެޅި ބޭންޑް ފަހަނައަޅައި ޑޮލަރުގެ މައްސަލަ އަތުނުވާ ފަށައް ގޮސްފައިވާކަމަށް ފިނޭންސް މިނިސްޓްރީން އިއުތިރާފްވެފައިވާކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީން މިއަދުބުނެފި އެވެ.

ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ކުއްލި ބަދަލާއި އެކު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުން މިންޖުކޮށް ރާއްޖޭގެ އިގްތިސޯދު ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު މިހާރު ފަށާފައިވާ މަޝްވަރާތަކުގައި ޑީއާރްޕީ އާއި ފިނޭންސް މިނިސްޓްރީ އާއި އެކު އިއްޔެ ބޭއްވި ވާހަކާތަކާއި ގުޅޭގޮތުން ޑީއާރްޕީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ތިން މަހާއި ހަމަހާއި ދެމެދުގެ ތެރޭގައި ހައްލުވާނެ ކަމަށް ސަރުކާރުގެ ވެރިން ވިދާޅުވި ނަމަވެސް އެކަން ހައްލުވާނީ އެތައް އަހަރުތަކަކުން ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ދެކޭ ކަމަށެވެ.

"އިގްތިސޯދީ ބޮޑަތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަކަމާއި ތަކެތީގެ އަގު ބޮޑުވަމުން އަންނަ ކަމާއި ސަރުކާރުން ހަމަޖެއްސެވި ބޭންޑް ފަހަނައަޅައި ޑޮލަރު ނުކުމެ ސަރުކާރަށް އަތުނުވެގެން އުޅޭކަން ސަރުކާރުން މިހާރު ގަބޫލުކުރާ ކަމުގައި ޑީއާރުޕީއަށް ފާހަގަ ކުރެވުނެވެ،" ފީނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި އެކު ޑީއާރްޕީން ބޭއްވި މަޝްވަރާ ބައްދަލުވުމާއި ގުޅޭ ގޮތުން މިއަދު އާންމު ކުރި ޕާޓީގެ ބަޔާނުގައިވެ އެވެ.

އިނާޒްގެ އިތުރުން ހައުސިންގް މިނިސްޓަރު މުހަންމަދު އަސްލަމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ އިސްވެރިން ބައިވެރިވެގެން ދެ ގަޑިއިރެއްހާ އިރަށް ދިގު ދެމިގެންދިޔަ އެ މަޝްވަރާތަކުން ސަރުކާރުން ބޭނުން ވަނީ ހަރަދުތައް ކުޑަކުރުމަށްވުރެ ރައްޔިތުން ފަގީރުކޮށްލައިގެން ސަރުކާރުގެ މަގުސަދުތައް ހާސިލްކުރުމަށް ކަމަށްވެސް ޑީއާރްޕީން ބުނެ އެވެ.
"... އަލަށް ނެގުމަށް ހުށަހަޅާފައިވާ ގުޑްސް އެންޑް ސާވިސަސް ޓެކްސާއި، އިންކަމް ޓެކްސް އަދި މިހާރު ނަގާ ޓުއަރިޒަމް ޖީއެސްޓީ އާއި ޖުލައި މަހުގައި ނަގަން ފަށާ ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ބޮޑު ކުރުމަށް، ސަރުކާރުން ހުށަހަޅާ މައިގަނޑު މަގުސަދަކީ ވެސް ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށްފަހު ސަރުކާރުން ކުރަން ބޭނުންވާ ހަރަދުތައް ހިންގުމަށް ފައިސާ ހޯދުން ކަމުގައިވެސް ޑީއާރްޕީ އަށް ގަބޫލު ކުރެވުނު،" ސަރުކާރުގެ އެކޮނޮމިކް ޕޮލިސީތަކާއި ގުޅޭ ގޮތުން އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑީއާރްޕީގެ އިސް ޓީމަކުން ސަރުކާރުގެ ކަމާބެހޭ އިސްފަރާތްތަކާއި ބައްދަލުކުރުމަށްފަހު ނެރުނު ބަޔާން ނިންމާލަމުން އެ ޕާޓީން ވަނީ ސަރުކާރުން ހުރިހާ ކަމެއް މަރުކަޒީ ބޭންކް އެމްއެމްއޭގެ ބޮލުގައި އަޅުވަން މަސައްކަތް ކުރާތީ އެކަން ކުއްވެރި ކޮށްފަ އެވެ.

"އިއްޔެ ފިނޭންސް މިނިސްޓްރީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ޑީއާރްޕީ އަށް ތަކުރާރުކޮށް އަޑުއިވިގެން ދިޔައީ މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި އެ އޮތޯރިޓީގެ ސްޓާފުންގެ ކުރައްވަންޖެހޭ އަދި ނުކުރައްވާ ހުރި ކަންތައްތަކުގެ ވާހަކައެވެ،" ޑީއާރުޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ސަރުކާރުގެ ކަމާބެހޭ އެންމެ އިސްފަރާތްތަކާއި އަދި ސިޔާސީ ފަރާތްތަކާއި އެކު އިއްޔެ ޑީއާރްޕީން މުހިންމު މަޝްވަރާތަކެއް ކުރީއިރު މި މަހުގެ ފުރަތަމަ ދުވަހު ޑީއާރުޕީން ވަނީ އެމްއެމްއޭއާއި ބައްދަލުކޮށްފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުންވެސް ބައިވެރިވި އިއްޔެގެ މަޝްވަރާތަކާއި ގުޅޭގޮތުން ވަނީ ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.