ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ބުނާ މައްސަލައެއް، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ގުޅިފައިވާ އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން (އެމްޔޫއޯ) މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅައިފި އެވެ.

އެމްޔޫއޯ އިން މިއަދު ފުލުހުންނަށް ހުށަހެޅީ، އިސްލާމިކް ބޭންކް އޮފް މޯލްޑިވްސްގައި ރައީސް އަބްދުﷲ ޔަމީންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފަސް ލައްކަ އެމެރިކާ ޑޮލަރު ޖަމާކުރި ކަމަށް ބުނާ މައްސަލަ އާއި އެ މައްސަލަ ނުބެލުމަށް އެމްއެމްއޭ އަށް ރައީސް ޔާމީން އެންގެވި ކަމަށް ބުނާ މައްސަލަ އަކެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވީ، ބޮޑެތި އަދަދުން ފައިސާ އެއް އެކައުންޓަކުން އަނެއް އެކައުންޓަށް ޖަމާ ވާ ނަމަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސުން އެކަން ބަލަން ޖެހޭ ކަމަށެވެ. މަހުލޫފް ވިދާޅުވީ އެކަން ހިނގާކަން އެ ޔުނިޓަށް ލިބުނު ކަމުގެ މައުލޫމާތު ވެސް އިދިކޮޅު އިއްތިހާދަށް ލިބިފައިވާ ކަމަށެވެ.

"އެބޭފުޅުންނަށް އެބަހުރި އެލާޓުތައް ލިބިފައި. މިކަމާ ގުޅިގެން އެމްއެމްއޭގެ ގަވަނަރު ޝަކުވާތައް ހުށަހެޅުއްވީމާ ރައީސް ޔާމީނު، ތިމަންނަ އާއި ތިމަންނައާ ގާތް ގުޅުން ހުރި ފަރާތްތަކުގެ އެކައުންޓުތަކުގައި މިފަދަ މުއާމަލާތްތަކެއް ހިނގިޔަސް އެކަންކަމަށް އަޅާ ނުލެއްވުމަށް ވިދާޅުވި،" މަހްލޫފް ވިދާޅުވި އެވެ.

ނަމަވެސް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިއަދު ސަން އަށް ވިދާޅުވީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށާއި ދުވަހަކު ވެސް ރައީސް ޔާމީން އެފަދަ އެއްވެސް އެންގެވުމެއް އެމްއެމްއޭ އަށް އަންގަވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްއޭގެ ފައިނޭޝަލް އިންޓަލިޖެންސް ޔުނިޓަކީ ވަރަށް މިނިވަންކޮށް ހިނގާ ޔުނިޓެއް ކަމަށާއި އެއްވެސް ފަރާތަކުން އެފަދަ ޝަކުވާއެއްކޮށްފައިވާ ނަމަ އެ މައްސަލައެއް އެ ޔުނިޓުން ބަލާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޔުނިޓްގެ މަސްއޫލިއްޔަށް ހުރަސްއެޅޭ ގޮތަށް ރައީސް ވަކި ކަމެއް ކުރައްވަން ނާންގަވާނެ ކަމަށާއި އެފަދަ ކަމެއް އެންގެވި ނަމަ އެ ޔުނިޓުން އެ ކަމަނާގެ ސަމާލުކަމަށް އެކަމެއް ގެންނަވާނެ ކަމަށެވެ.

މަހުލޫފް ވިދާޅުވީ، މައްސަލަ ފުލުހުންނަށް ހުށަހެޅީ، ގިނަ އަދަދެއްގެ ގޮތް ނޭނގޭ ފައިސާ މީހެއްގެ އެކައުންޓަކަށް ޖަމާ ވުމީ އޭނާ މަނީ ލޯންޑަރިންގެ ހަރަކާތެއްގައި ނުވަތަ ގާނޫނުލް އުގޫބާތުގެ 721 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވައްކަން ކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމުގެ ކުށެއް ކުރުން ނުވަތަ ކުރަން އުޅުން ކަމަށް ވާތީ ކަމަށެވެ.

މަހުލޫފް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރަށް ގުޅުއްވައި، ވަކި ގޮތަކަށް އަމަލު ކުރުމަށް އަމުރު ކުރުމަކީ ރައީސް ޔާމީން އަދާކުރައްވާ ވަޒީފާގެ ބޭނުންކޮށްގެން 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އަށް ރައީސް ޔާމީން ނުފޫޒު ފޯރުވައި، އެމަނިކުފާނާ ގުޅޭ މައްސަލަ ނުބެލުމަށް އެންގެވި ކަމުގެ ހެކި ވެސް އެބަހުރި ކަމަށެވެ.

ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ފަސް ލައްކަ ޑޮލަރުގެ ފައިސާ ޖަމާކުރި ކަމަށް ބުނާ ޑިޕޮސިޓް ސްލިޕެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ. އޭސީސީ އިން ހިންގާ ތަހުގީގަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ރައީސް ޔާމީން ވަނީ އެ ކޮމިޝަނަށް އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓްގެ ތަފްސީލުތައް އެވެ.