ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 2-2ގެ ނަތީޖާ އަކުން އެއްވަރު ވެފައިވުމުން ޕެނަލްޓީ ޖަހައިގެން ވާދަވެރި ވިކްޓަރީ، 5-6ގެ ނަތީޖާ އަކުން ބަލިކޮށް ދެވަނު ބުރުގެ ފަހު ޖާގަ ޔުނައިޓެޑް ވިކްޓަރީން ހޯދައިފިއެވެ.

ކުޅިވަރު އެކުވެނީ އެއްނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ޔުނައިޓެޑް ވިކްޓަރީން ވަނީ މެޗުގެ ތިން ވަނަ މިނެޓްގައި ގޯލެއް ކާމިޔާބް ކޮށްފައެވެ. އެގޯލު އެޓީމަށް ކާމިޔާބް ކޮށްދިނީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) އެވެ.

ރަމަޟާން ވެޓަރެންސް ކަޕްގައި ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވިކްޓަރީއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ 21 ވަނަ މިނެޓްގައި އަހުމަދު ޝާކިރު އެވެ. ނަމަވެސް ޔުނައިޓެޑް ވިކްޓަރީން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ވަނަ ފަހަރަށް މެޗުގެ ލީޑް ނަގާފައެވެ. އެ ގޯލު 31 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ ގޯލު ވެސް ކާމިޔާބް ކޮށްދިން ބިންމާ އައްލޯ އެވެ.

ދެ ވަނަ ހާފް ފެށިގެން ހަތް ވަނަ މިނިޓް ތެރޭ ވިކްޓަރީ އަށް ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އަބްދުﷲ މުފީދެވެ.

ޕެނަލްޓީ ގައި ވިކްޓަރީން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބް ކޮށްފައެވެ. ވިކްޓަރީގެ އަހުމަދު ޝާކިރު އާއި އިބްރާހިމް ޝިނާޒު ޖެހި ދެ ޕެނަލްޓީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އިސްމާއިލް ޒަރިޔަންދު ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ މޮޅުވީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ނާކާމިޔާބްވީ މޫސާ މުހައްމަދު ޖެހި ޕެނަލްޓީ އެވެ.

ވެޓަރެންސް ކަޕްގައި ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ކުޅުނު މެޗްގައި ޕެނަލްޓީ ޖަހައިގެން ވިކްޓަރީ ބަލިކުރުމަށް ފަހު އުފާފާޅު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެ ވަނަ ބުރުގެ ކުޅުން މާދަމާ ފެށޭ އިރު ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ އާއި ދިވެހި ސިފައިންގެ ކްލަބް އަދި ބީޖީ ސްޕޯޓްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ނިއު ރޭޑިއަންޓާއި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 16:30 ގައި ވެލެންސިއާ ނިކުންނާނީ ސިފައިންނާ ދެކޮޅަށެވެ.