20 Jun 2016, 21:52
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
ބިދޭސީންގެ އަތުން ނެގުމަށް އެ ބިލުގައި ބުނެފައިވާ ޓެކްސްގެ ނަމަކީ "ރެމިޓެންސް ޓެކްސް" އެވެ. ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެ ޓެކްސް ނަގަން ފަށާނީ މި މަހުން ފެށިގެން ކަމަށެވެ.
މި މަހުން ފެށިގެން އެ ޓެކްސް ނަގަން ހުށަހަޅާފައި ވިޔަސް، އެ ބިލަށް އަމަލު ކުރަން ފަށާނީ އެ ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު: ބިދޭސީންގެ އަތުން ޓެކްސް ނަގަން ބިލެއް ހުށަހެޅުއްވި-- ފޮޓޯ/ މަޖިލިސް
އަމީތު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ރެމިޓެންސް ޓެކްސް މީރާއަށް ދައްކަން ޖެހޭނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައި ދިނުމުގެ ހިދުތަމް ދޭ ބޭންކުތަކާއި އެެހެނިހެން ފަރާތްތަކުންނެވެ.
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ މީހުންގެ ތެރެއިން ޓެކްސް ދައްކަން ލާޒިމް ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާއެއް ލިބިފައި ނެތް ކަމުގައިވިޔަސް، ވިސާގެ މުއްދަތު ހަމަވެފައިވީ ކަމުގައި ވިޔަސް ވޯކް ވިސާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީންނަށެވެ.
ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ކޮންމެ މަހަކު މީރާއަށް ދައްކަންޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު، އެކުލަވައިލާ ބަޔާނެއް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅައި، ޓެކުހުގެ ފައިސާ އެ މުއްދަތުގައި ދައްކައި ހަލާސް ކުރަން ޖެހޭނެ ކަަމަށް އިސްލާހުގައިވެ އެވެ. އެ ޓެކްސް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ.
އެ ޓެކްސް ދެއްކުމުން ބަރީއަވާން އެއްވެސް މަސައްކަތްކޮށްފިނަަމަ ނުވަތަ އެފަދަ ކަމަަކަށް އެހީތެރިވެއްޖެނަމަ ބޭރަށް ފޮނުވި ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތް ޖޫރިމަނާވާނެ ކަމަށް ބިލުގައިވެ އެވެ.