20 Jun 2016, 20:36
ވ. ފުލިދޫގެ ދެކުނު ފަރާތުގައި އޮންނަ އިރުވައިކޮޅު ތުނޑީގައި ގެސްޓްހައުސް އަޅައި، އެތަން އޮޕަރޭޓުކޮށް ހިންގުމަށް ތިން ބިމެއް ދޫކުރަން ފުލިދޫ ކައުންސިލުން ނިންމައިފި އެވެ.
ފުލިދޫގެ ދެކުނުގައި އޮންނަ ތުނޑީ ސަރަހައްދުގައި ފަތުރުވެރިކަމުގެ މަސައްކަތް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްސަ ސަރަހައްދެއް ކަނޑައަޅުއްވާފަ އެވެ. އެއީ 30،000 އަކަފޫޓުގެ ބިމެކެވެ.
ފުލިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ސަރަހައްދުން 4،000 އަކަފޫޓުގެ ތިން ބިމެއް ދޫކުރަން އެކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ތިން ބިން ބީލަން އުސޫލުން ދޫކުރަން ހަމަޖެހިފައި ވަނީ 50 އަހަރަށް ކަމަށް އެކައުންސިލުން ބުނެ އެވެ.
ކައުންސިލުން ބުނީ އެ ތިން ބިން އެކުގައި، ނުވަތަ ތިން ބިމުން ވަކި ބިމެއް ވެސް ހޯދުމަށް ބީލަން ހުށަހެޅޭނެ ކަމަށެވެ. އެތަންތަނުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސް އިމާރާތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށް ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ.
ފުލިދޫ ކައުންސިލުން ބުނީ ބިޑު ޑޮކިއުމެންޓް 1،000 ރުފިޔާއަށް ކައުންސިލުން ގަންނަން ލިބޭނެ ކަމަށެވެ. އަދި ޕްރީބިޑް ބައްދަލުވުން 2016 ޖުލައި 10 ވަނަ ދުވަހު ފުލިދޫ ކައުންސިލް އިދާރާގައި އޮންނާނެ ކަމަށާއި ބިޑު ހުށަހަޅަން ޖެހޭނީ 11 އޯގަސްޓް 2016 ވަނަ ދުވަހު ކަމަށް އެ ކައުންސިލުން ބުނެ އެވެ.