ޖަނަވަރީ މަގުގައި މިދިޔަ ހަފްތާގެ އަންގާރަދުވަހު ހިންގި މާރާމާރީގައި މީހަކު ޒަހަމްކޮށްލާފައިވާއިރު އެރޭ ހުޅުމާލެއިން މާލެއަށް، މާރާމާރީ ހިންގަން އަންނަން އުޅުނު މީހަކު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ މައްސަލައިގައި 19 އަހަރުގެ މީހަކު ހައްޔަރުކުރިކަން ޔަގީންކޮށްދީފައެވެ. އަދި އޭނާގެ ބަންދަށް ވަނީ ކޯޓުން 10 ދުވަސްޖަހާފައެވެ.

ސަން އަށް އެނގިފައިވާގޮތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުންނެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ މާލެއަށް މާރާމާރީ ހިންގަން އައުމަށް މަސައްކަތް ކުރިކަމަށެވެ. އޭނާ ބަލައި ފާސްކުރިއިރު ލައިގެންހުރި ސޯޓް ތެރެއިން ވަނީ ވަޅިއެއް ފެނިފައެވެ.

މިދިޔަ އަންގާރަ ދުވަހު ޖަނަވަރީ މަގުގައި ހުންނަ ސަންގު ޓީވީ ކައިރީގައި ހިންގި މާރާމާރީގައި ގަޔަށް ވަޅިހެރުމުގެ ސަބަބުން ޒަޚަމްވި މީހާގެ ހާލު މިހާރު ރަނގަޅެވެ.

މިފަހަކަށް އައިސް ތަފާތު އެކި ދުވަސްތަކުގެ މަތިން، ތޫނު އެއްޗެހިން މީހުނަށް ހަމަލާދީ ހިންގާ މާރާމާރީތައް ވަނީ އިތުރުވެފައެވެ. ވަރަށްފަހުން އެގޮތަށް ހިންގި ދެ މާރާމާރީއެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލާފައިވެސް ވެއެވެ.