ދިވެހި ރާއްޖޭގެ ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ ދަށުން ޕެންޝަން ދެމުން ދިޔަ ބައެއް މީހުން މަރުވުމުން ވެސް އެމީހުންގެ ޕެންޝަން ބައެއް ފަރާތްތަކުން ނަގާފައިވާ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޕެންޝަން އެޑްމިނިސްޓްރީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު މިއަދު ވިދާޅުވީ މަރުވެފައިވާ ބައެއް މީހުންނަށް ފައިސާ ދޫކުރެވިފައި ވަނީ އެމީހުން މަރުވެފައިވާކަން އެ އޮފީހަށް އަންގާފައި ނުވާތީ ކަމަށެވެ.

"ބައެއް މީހުން މަރުވުމުން އެމީހުންގެ އާއިލާ އިން ނުވަތަ އެކަމާ ބެހޭ ފަރާތްތަކުން މިއޮފީހަށް އެކަން އަންގަނީ ބައެއް ފަހަރު ވަރަށް ލަހުން. އެހެންވީމާ އެމީހުންނަށް ފައިސާ ދޫކުރެވެމުން ދަނީ،" މުހައްމަދު މަނިކު ވިދާޅުވި އެވެ.

މަރުވާ މީހުންގެ މައުލޫމާތު ކުރިން ފޮނުވަނީ ހެލްތު މިނިސްޓްރީން ކަމަށާއި އެހެން ނަމަވެސް ހެލްތު މިނިސްޓްރީން އެމައުލޫ ޕެންޝަން އޮފީހަށް ވަގުތުން ވަގުތަށް ދެމުން ނުދާ ކަމަށް މަނިކު ވިދާޅުވި އެވެ.

"ހެލްތު މިނިސްޓްރީން ބައެއް ފަހަރު އެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ އިރު އޮންނަނީ ދެ މަސް ތިން މަސް ވެފައި. އެހެންވީމާ އޮންނަނީ މީހާ މަރުވާ ފަހުން ވެސް ފައިސާ ދޫކުރެވިފައި،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރުވެފައިވާ ބައެއް މީހުންނަށް ދޫކުރެވިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެފަދަ ފަރާތްތަކަށް ސިޓީ ވެސް ފޮނުވަމުން ގެންދާ ކަމަށެވެ.

ރާއްޖޭގެ ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި މިހާތަނަށް 21000 މީހުން ބައިވެރިވެފައިވާ އިރު އެސްކީމްގައި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރި ކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. ޕެންޝަން ސްކީމަށް ފައިސާ ނުދައްކަވައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުން މިހާރު އެސްކީމަށް ފައިސާ ދައްކަވާފައިވާ ކަމަށް މަނިކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މެމްބަރުން ފައިސާ ދައްކަވާފައި ވަނީ ޖޫރިމަނާއާއި އިންޓަރެސްޓާ ވެސް އެކުގައި ކަމަށެވެ.