އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު އިސްލާހު ހުށަހަޅުއްވައިފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޓޫރިސްޓް ރިސޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށް އިއުލާންނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.

ބިލުގެ މުހިންމު ބައިތައް:

  • ފަޅާއި، ބިން އަދި ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ރައީސް އޮފީހުގެ ހުއްދައާއެކު
  • އާންމުކޮށް އިއުލާނު ނުކޮށްވެސް ކުއްޔަށް ދޫކުރެވިދާނެ
  • ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގެ ސަރުކާރުގެ ހިއްސާ ވިއްކުމުގެ އިހްތިޔާރު ސަރުކާރަށް ދިނުން
  • ކުއްޔަށް ދޫކުރާ ތަނަކީ ތިމާވެށީގެ ގޮތުން މަޝްރޫއު ހިންގެންޖެހޭނެ ތަނަކަށްވުން
  • ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީ އެއް ފަހަރާ ދައްކާ ނިންމުން

ނިހާނު މިއަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމުކޮށް އިއުލާނުކޮށްގެން، އަދި ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ. އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާއެކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާ އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި، އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމެވެ.

ފަޅާއި، ބިން އަދި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޓޫރިޒަމް މިނިސްޓްރީ އިން އަމަލު ކުރަންޖެހޭ ގޮތްތައް ބަޔާންކޮށް ބިލުގައި ބުނެފައި ވަނީ، ހުށަހަޅާ ހުށަހެޅުންތައްހަމަހަމަކަމާ ހާމަކަން ބޮޑު ގޮތެއްގައި ވަޒަންކޮށް، ކުއްޔަށް ދޫކުރުމުގެ ކުރިން ރައީސް އޮފީހުގެ ހުއްދަ ހޯދައި، ކުއްޔަށް ދޫކުރުމަށްފަހު އެ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްތަކާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާއެކު އެކުލަވާލައި އާންމުކުރަން ޖެހޭނެ އެވެ. އެ ލިސްޓަށް އުނި އިތުރެއް ގެނެވޭނީ ވެސް ރައީސް އޮފީހުގެ ހުއްދައާއެކު ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރުމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މިހާރު ގާނޫނު ބުނަނީ ރިޒޯޓެއް ހެދުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލެވޭނީ، ނުވަތަ ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލު ކުރެވޭނީ، މިނިސްޓްރީ އޮފް ޓޫރިޒަމުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާ ޝަރުތުތަކެއްގެ މަތިން ކަމަށެވެ. އޭގެ ތެރޭގައި ޕަބްލިކް ކުންފުނީގެ ހިއްސާ ބަދަލުކުރުމެއް ނުހިމެނެއެވެ.

އިސްލާހުގައިވާ ގޮތުން ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ، ފިނޭންސުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެކުންފުނީގެ އަނެއް ހިއްސާދާރުންނަށް ވިއްކާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބޭނެ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވާފައިވާއިރު ކުރިއަށް އޮތް ޖަލްސާތަކުގައި އެބިލަށް ބަހުސް ކުރާނެއެވެ.