20 Jun 2016, 16:16
އެއްމެދު އިމާރާތެއްގެ ފުލެޓް ފުރަތަމަ ފަހަރަށް ގަންނަ މީހެއްނަމަ ދައުލަތަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކާ ނަމަ އެ އިމާރާތް ނުވަތަ ފްލެޓް ވިއްކާ އަގުގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި އެ އިމާރާތެއް ނުވަތަ ފުލެޓެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ފުރަތަމަ ފަހަރަށް އެފަދަ ފުލެޓެއް ގަންނަ ނަމަ ފުލެޓް ވިއްކާ ފާރާތުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށެވެ. ފުލެޓް ގަންނަ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް އެ އިސްލާހުގައި ލާޒިމްކޮށްފައިވެ އެވެ.
އެފަދަ ފުލެޓެއް ގަންނަ މީހާގެ ނަމުގައި ބިމެއް އޮތަސް ޓެކްސް ނުދެއްކުމުގެ މަންފާ އެ އިސްލާހުގައި އެ މީހަކަށް ލިބިދީފައިވެ އެވެ.
އެ އިސްލާހުގެ ދަށުން އަލަށް ބިން ގަންނަ މީހާ އާއި އެއްމެދު އިމާރާތްތައް އަލަށް ގަންނަ މީހުންގެ އަތުން ނަގާ ފައިސާ އިން ދައުލަތަށް ޓެކްސް ދެއްކުމުން އިސްތިސްނާއެއް ނުކުރެ އެވެ.
"ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ. އެއްމެދު އިމާރާތެއް ފުލެޓެއް ވިއްކާ ހާލަތުގައި، އެ ފްލެޓަކީ އެތަން ގަންނަ މީހާ ގަންނަ އެފަދަ ފުރަތަމަ ފްލެޓް ކަމުގައިވާ ހާލަތުގައި، އެ ގާނޫނުގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމެވެ،" ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ސަލީމް ވިދުވެފައިވެ އެވެ.