މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީގެ 2014 ވަނަ އަހަރުގެ މާލީ ބަޔާންތަކުގައި ޖަހާފައިވާ ގިނަ އަދަދުތައް ދިމާ ނުވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ޖޫން 12 ވަނަ ދުވަހު ނެރުނު، އެންވާރަމެންޓް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުގައި، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ، ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން، މިނިސްޓްރީގެ މާލީ ބަޔާންތައް ހަދާފައި ވަނީ ކޭޝް އެކައުންޓިންގެ އުސޫލުތަކާ ޚިލާފަށް ކަމަށާއި 2014 ވަނަ އަހަރުގެ ފައިނަލް ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމުގެ ބަޖެޓު ރިޕޯޓާ އަދަދުތައް ދިމާ ނުވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ މިނިސްޓްރީގެ ފައިނަލް ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ، ޕަބްލިކް އެކައުންޓިން ސިސްޓަމުގެ ބަޖެޓުގައިވާ އަދަދަށް ވުރެ 5.6 މިލިޔަން ރުފިޔާ މަދު އަދަދެއް ކަމަށެވެ.

މީގެ އިތުރުން ރިޕޯޓުގައި ބުނެފައި ވަނީ، މާލީ ބަޔާންތަކުގެ ހިސާބުތަކުގައި ގިނަ ކުށްތަކެއް ހުރި ކަމަށާއި އެކަމުގެ ސަބަބުން އަދަދުތައް އެއްކުރުމުގައި ހިސާބުތައް ދިމާނުވާ ކަމަށެވެ. އެހެންކަމުން އެ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

އަދި އެ އަހަރު މިނިސްޓްރީއަށް އެހީގެ ގޮތުގައި ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ޖަހާފައިވާ އަދަދަކީ، މިނިސްޓްރީގެ ފޮތްތަކުން ދައްކާ އަދަދަށް ވުރެ 105،787 ރުފިޔާ އިތުރު އަދަދެއް ކަމަށާއި އެ އެހީ އިން ކޮށްފައިވާ ޚަރަދުގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައި ވަނީ، މިނިސްޓްރީގެ ޖެނެރަލް ލެޖާގައިވާ އަދަދަށް ވުރެ 18.9 މިލިޔަން ރުފިޔާ މަދު އަދަދެއްކަން ފާހަގަ ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

އަދި މީގެ އިތުރުން، މިނިސްޓްރީގެ ދަށުން ހިނގާ އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އަށް ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު، އީޕީއޭގެ މިލްކިއްޔާތުގައި، ނުވަތަ އެސެޓް ޑިކްލެރޭޝަނުގައި ހިމަނާފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އޮޑިޓް ރިޕޯޓުގައި ބުނީ، ޖޫރިމަނާތައް ކުރި އަދަދާއި ތާރީޚު ފަދަ މައުލޫމާތުތައް ފަސޭހައިން އެނގެން ނެތުމުން، ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ޖުމްލަ އަދަދު ވެސް ކަށަވަރު ކުރެވިފައި ނެތް ކަމަށެވެ.