މެކްސިކޯ ސިޓީ (ޖޫން 20): މެކްސިކޯގެ ދެކުނުގައި އޮންނަ ވޮހާކާ ސްޓޭޓުގައި އެ ގައުމުގެ ޓީޗަރުން ބޭއްވި މުޒާހަރާއެއްގައި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ހަ މީހަކު މަރުވެއްޖެ އެވެ.

މެކްސިކޯގެ ޓީޗާސް ޔޫނިއަންގެ ފެކްޝަނެއް ކަމަށްވާ ސީއެންޓީއީ އިން އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ އެގައުމުގެ ތައުލީމީ ނިޒާމަށް ގެނައި އިސްލާހުތަކަކާ ގުޅިގެންނެވެ. އަދި ސީއެންޓީއީގެ ލީޑަރުން ކޮރަޕްޝަނުގެ ދައުވާގައި މިދިޔަ ހަފްތާގައި ހައްޔަރު ކުރި ފަހުން މުޒާހަރާގެ ބައިވެރިން ވަނީ ވޮހާކާ ސިޓީގެ މަގުތައް ބަންދުކޮށްގެން މުޒާހަރާ ކުރަން ފަށައިފަ އެވެ.

މިއަދު ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މަރުވެފައި ވަނީ ސީއެންޓީއީއާ ގުޅުން ހުރި ދެމީހަކާއި ހަތަރު އާއްމުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި އެމުޒާހަރާގައި 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ. އަނިޔާވި މީހުންގެ ތެރޭގައި އާއްމުންނާއި މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ހިމެނެ އެވެ.

ފުލުހުން ބުނި ގޮތުގައި މުޒާހަރާ ތެރެއިންނާއި ފުލުހުންގެ ތެރެއިން ބަޑި ޖަހަން ފަށާފައި ވަނީ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުން ދިޔަ ބަޔެކެވެ. އެއީ މުޒާހަރާއާ ގުޅުން ހުރި ބައެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. (ބީބީސީ)