މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އެއްފަހަރަށް ވުރެ ގިނަ ފަހަރު ހ. ލޮބީ ހުސައިން ހުމާމް އިއުތިރާފުވެފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ސާބިތުވުމުން އެ ހުކުމް ކަށަވަރުކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދު އޮތް އަޑުއެހުމުގައި ހުމާމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހުމާމަށް ބިރުދައްކައިގެން މަޖުބޫރުކޮށްގެން ޑރ. އަފުރާޝީމް އަވަހާރަކޮށްލިކަމަށް އިއުތިރާފު ކުރުވީ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. އަދި މައްސަލަ ހިނގާ ދިޔަގޮތާ ބެހޭ ގޮތުން ސުވާލުކުރުމަކީ ނުކުރާކަމެއް ކުރިކަމަށް ބުނަން ޖެހޭ ސަބަބެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ކްރިމިނަލް ކޯޓުގައި ހުމާމްގެ މައްސަލަކުރިއަށް ދިޔައިރު ބަނދު މުއްދަތު މަޖިލީހުގައި ވެސް ޑރ. އަފަރާޝީމް އަވަހާރަކޮށްލީ ކަމަށް އިއުތިރާފުވެފައިވާ ކަމަށާއި އޭގެ ފަހުން ޝަރީއަތުގެ މަޖިލީހެއްގައި ވެސް އެ އިއުތިރާފު އެގޮތަށް ވެފައިވާ ކަމަށެވެ. އަދި މައްސަލައެއް ސާބިތުކުރުމުގައި އެންމެ މަތީ ދަރަޖަ ދެވިފައިވާ އެންމެ އަސާސީ ދަލީލަކީ އިއުތުރާފުވުންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ހުމާމްގެ މައްޗަށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ސާބިތުވެފައި ވަނީ ހަމައެކަނި އިއުތިރާފުން ނޫންކަން ފާހަގަކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި ލިޔެކިޔުންތަކުން ވެސް އެކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ހުމާމް ލައިގެން ހުރި އަންނައުނުން ޑރ. އަފްރާޝީމްގެ ޑީއެންއޭ ފެނުނީ އެމަނިކުފާނުގެ ލެއިން ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފަ އެވެ. އަދި އެކަން ސާބިތުކުރުމަށް ޑީއެންއޭގެ ޗެއިންއޮފް ކަސްޓަޑީ ރިޕޯޓު ޝަރީއަތަށް ވަނީ ހުށަހަޅާފަ އެވެ.

ތަހުގީގު މަރުހަލާގައި ޝަރީއަތް ފުރަތަމަފެށި އިރު ވަކީލެއްގެ ފުރުސަތު ހުމާމަށް ދީފައިނުވާކަމަށް ހުމާމްގެ ވަކީލު ވިދާޅުވި ނުކުތާއާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ އެދެ މަރުހަލާގައި ވެސް ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. އެކަން ސާބިތުކުރުމަށް ލިޔެކިޔުންތަކެއް ދައުލަތުން ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ހުމާމްގެ އިތުރުން އެމައްސަލާގައި ދެން ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ތަހުގީގެއް ހިންގައި ދައުވާކޮށްފައިނުވާ ކަމަށް ފާހަގަކުރި ނުކުތާއަށް ޖަވާބުދާރީވަމުން ފުލުހުންނާ ހަވާލާދީ ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލާގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އަދި ފައިލް ކްލޯސް ނުކުރާކަމަށެވެ.

ދައުލަތުން ބުނީ މިމައްސަލައަކީ ހުމާމްގެ މައްޗަށް ކުރެވޭ 25 ވަނަ ދައުވާކަމަށާއި މީގެ ކުރިން ހުރިހާ މައްސަލައެއް ކުރިއަށްދިޔައިރު ވެސް ނަފްސާނީ މައްސަލައެއް ހުންނަކަން ކޯޓުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ ދައުލަތުން ހުށަހެޅި ނުކުތާތަކަށް ޖަވާބުދާރީވުމަށް ހުމާމަށް ފުރުސަތު އަރުވާފަ އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ މައްސަލާގައި މިހާރު އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށާއި މިފަހަރު އެރުވީ ފަހު ފުރުސަތު ކަމަށެވެ. ބެލެވޭ ގޮތުން ދެން އޮންނާނީ މައްސަލައިގެ ފަހު އަޑުއެހުމެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.