20 Jun 2016, 15:53
ދެކުނުގެ ދެ އަތޮޅަށް އުރީދޫގެ ޚިދުމަތް ލިބުމުގައި ދިމާވި ދަތިތައް އެކުންފުނިން ވަގުތީ ގޮތުން ހައްލުކޮށްފި އެވެ.
މިއަދު ހެނދުނު އުރީދޫގެ ޚިދުމަތް ފުވައްމުލަކަށާއި އައްޑޫ ސިޓީ އަށް ލިބުމުގައި ބުރޫ އަރާފައިވާ އިރު، އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރަހިމް ޒާހިރު ވިދާޅުވީ މިހާރު އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދާފައިވާނެ ކަމަށެވެ.
ނޫރާ "ސަން" އަށް ވިދާޅުވީ މައްސަލައަށް ވަގުތީ ހައްލެއް ހޯދާފައިވާ އިރު، ދާއިމީކޮށް ހައްލެއް ގެނައުމަށް މިރޭގެ ވަގުތެއްގައި ނެޓްވޯކް މެއިންޓެނަންސްގެ މަސައްކަތެއް ކުރެވޭނެ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރިޔަށް ދާނީ މިރޭ 8:00 އާ 10:00 އާ ދޭތެރޭގައި ކަމަށާއި އުރީދޫގެ ޚިދުމަތް 10 ވަރަކަށް މިނިޓަށް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ނޫރާ ވިދާޅުވި އެވެ.
އުރީދޫއަކީ ރާއްޖޭގައި މޯބައިލް ނެޓްވޯކްގެ ޚިދުމަތް ދޭ ދެވަނަ ކުންފުންޏެވެ. އެ ކުންފުނިން ދާދި ފަހުން ވަނީ ފިކްސްޑް ލައިން ބްރޯޑްބޭންޑް އިންޓަނެޓުގެ ޚިދުމަތް ވެސް ތައާރަފު ކޮށްފަ އެވެ.