ގައުމީ ޔުނިވާސިޓީ އިން ހިންގާ ކޯސްތަކުގައި "ގްރީން ބިލްޑިން" ކޮންސެޕްޓް ތައާރަފް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓަރީ އާއި ގައުމީ ޔުނިވާސިޓީ އިން އެެއްބަސްވެއްޖެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމެވެ. ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ، އެ އެއްބަސްވުމުގެ ދަށުން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީގައި ކިޔަވައިދެމުން އަންނަ ބެޗްލާސް ފެންވަރުގެ އާކިޓެކްޗާ ކޯސް ރިވިއުކޮށް، ގްރީން ބިލްޑިން ކޮންސެޕްޓްތައް ހިމެނޭ ގޮތަށް ކޯސް ބައްޓަން ކުރާނެ ކަމަށެވެ.

މީގެ އިތުރުން ގްރީން ބިލްޑިން ކޮންސެޕްޓް ހިމަނައިގެން މާސްޓާސް ފެންވަރުގެ އާކިޓެކްޗާ ކޯހެއް ފަރުމާ ކުރުމަށް މިނިސްޓްރީން އެހީތެރިވާނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުގެ ދަށުން 1.3 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަމެއް ގައުމީ ޔުނިވާސިޓީއަށް ލިބޭނެ އެވެ.

ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އދ.ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް)ގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.