މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އަދީބު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އެމައްސަލަ މިއަދު ހައިކޯޓުގައި އިސްތިއުނާފު ކުރިކަން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ފިސްތޯލަ ގެންގުޅުނުކަން އަދީބުގެ މައްޗަށް ސާބިތުވާކަަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އަދީބުގެ މައްޗަށް ސާބިތުވާތީކަމަށް ހުކުމުގައިވެ އެވެ.

ގައުމީ ސަލާމަތައްޓަކައި ކަމަށް ބުނެ ހުކުމް އިއްވުމުގެ އަޑުއެހުން ބާއްވާފައި ވަނީ ސިއްރުންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދީބު އެމަނިކުފާނި ދިރިއުޅުއްވި ގ. ހުމަށީގެ އެޕާޓްމަންޓުގައި ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވި ކަމަށް ތިން މީހަކު ވަނީ ހެކިބަސް ދީފަ އެވެ. އަދި ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓްމަންޓުގައި އޭނާ ހަތިޔާރު ގެންގުޅުއްވި ކަމަށް އެ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ހެކިބަސްދީފަ އެވެ.

މައްސަލައިގެ ކަންހިންގިގޮތުގެ ޚުލާސާ

  • މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ 26 ނޮވެމްބަރު 2015 ވަނަ ދުވަހު.
  • ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ މުއްދަތެއް ދީފައިވޭ.
  • އަދީބުގެ ގާނޫނީ ވަކީލަކަށް ހަމަޖެއްސީ މޫސާ ސިރާޖު.
  • މައްސަލަ ބެލުމަށް އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ މުހުތާޒު ފަހުމީ، ގާޒީ އަހުމަދު ރަޝީދު އަދި ގާޒީ ސައީދު އިބްރާހީމް.
  • ބެންޗުގެ އިސް ގާޒީ އަކީ މުހުތާޒު ފަހުމީ.
  • އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުންތައް ނިންމާލީ 4 ޖޫން 2016 ވަނަ ދުވަހު.
  • ހުކުމް ކުރީ 5 ޖޫން 2016 ގައި

އެހުކުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލިކަން ސާބިތުވާކަމަށް ކަނޑައަޅައި އަދީބު 15 އަހަރަށް ޖަލަށްލާންވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.