20 Jun 2016, 14:06
އިނގިރޭސިވިލާތުގެ ކާސްޓްރޮލް ކުންފުނިން އެމްޓީސީސީއަށް ލިބިފައިވާ "ކާސްޓްރޮލް ކްލަބް އެމްބެސެޑަރ އެވޯޑާ" ހަވާލުވާން އެކުންފުނީގެ ކުރީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެމެރިކާއަށް ވަޑައިގަތް އިރު މަގާމުން ވަކިކުރެއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ރޭ ހަލީމް އެމެރިކާގެ ސެން ފްރާންސިސްކޯއަށް ފުރާވަޑައިގަތީ ސީއީއޯގެ މަގާމުގައި ހުންނަވައިގެން ކަމަށެވެ. ނަމަވެސް ކަމުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން އެވާހަކަ ރިޕޯޓުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެދަތުރުގައި ހަލީމް އެމެރިކާއަށް ވަޑައިގަތީ ކުންފުނީގެ ޗެއާމަނާއި ބޯޑު މެމްބަރުންނާ ދަތުރުގެ ތަފްސީލް ހިއްސާކުރެއްވުމަށްފަހު ކަމަށް ވެސް އެކުންފުނިން ބުންޏެވެ. އަދި އެ ދަތުރުގެ ޚަރަދު ހަމަޖައްސާފައި ވަނީ ވެސް ކާސްޓްރޯލް ކުންފުނިން ކަމަށް އެމްޓީސީސީން ބުންޏެވެ.
ހަލީމް މަގާމުން ވަކިކުރިކަން އެމްޓީސީސީއަށް ރަސްމީކޮށް އަންގާފައި ވަނީ އޭނާ ފުރާވަޑައިގަތް ފަހުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ކާސްޓްރޮލް ކުލަބް އެމްބެސެޑަރ އެވޯޑަކީ ކޮންމެ ދެ އަހަރުން އެއްއަހަރު ދުނިޔޭގެ ކާސްޓްރޮލް ޑިސްޓްރިބިއުޓާސްގެ މެދުގައި ހޮވޭ އެންމެ ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ފަސް ފަސް ޑިސްޓްރިބިއުޓަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
އެ އެވޯޑު އެމްޓީސީސީ އަށް ލިބިފައި ވަނީ މިދިޔަ އަހަރު އެކުންފުނިން ހާސިލުކުރި ފުރިހަމަ ނަތީޖާގެ ސަބަބުން ކަމަށް އެކުންފުނިން ބުންޏެވެ.