20 Jun 2016, 15:56
ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިޔުމާ ބެހޭ ގޮތުން ދައުލަތުގެ ސިޔާސަތު ހާމަކުރައްވައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސްކޮށް، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން އެއްބަސްވެއްޖެ އެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު މަޖިލީހަށް އިއްވުމަށް ފަހު، އެންމެ ފުރަތަމަ އެ ކަރުދާހަށް ބަހުސް ކުރެއްވީ ޕީޕީއެމް ޕީޖީ ލީޑަރު އަދި ވިލާމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު --- ފޮޓޯ/ މަޖިލިސް
ނިހާނުގެ ވާހަކައިގައި ޓެރަރިޒަމުގެ އަމަލުތަކާއި ހައްދުފަހަނައެޅި ވިސްނުމުގައި ތިބެ ދިވެހިން އެހެން ގައުމުތަކުގައި ކުރިއަށްދާ ހަނގުރާމަތަކަށް ދިއުމަކީ މަޖިލީހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި، އެކަން ހުއްޓުވުމުގައި މަޖިލީހުގެ ޒިންމާ ދެނެގަނެ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ ބައެއްގެ ހަރުކަށި ވިސްނުމުގެ ސަބަބުން، އެފަދަ ވިސްނުމެއް ނެތް ދިވެހި ކުޑަކުދިންނާއި އަންހެނުންނަށް ގެއްލުން ލިބެމުން އަންނަ ކަމަށެވެ. އަދި އެންމެ ދިވެއްސަކު ހަނގުރާމައަށް ދިޔަ ނަމަވެސް ރާއްޖޭގެ ނަން ކިލަނބުވާނެ ކަމަށް ވިދާޅުވި އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ސޯލިހު (އިބޫ) ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމަކީ އެމްޑީޕީ އިން އަބަދު ވެސް ދެކޮޅު ކަންތައްތައް ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން އެ މައްސަލައިގައި ވަރަށް ސީރިއަސްކޮށް ވިސްނާ ބަހުސްކޮށް، ގޮތެއް ނިންމަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.
"ސިޔާސީ ވާދަވެރިކަމުގައި ސިޔާސީ ހިޔާލުތަފާތުވުން އެކަހެރިކޮށް އަޅުގަނޑުމެން މި ތިބީ މިކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް،" އިބޫ ވިދާޅުވި އެވެ.
ރައީސް ހުށަހެޅުއްވި ކަރުދާހުގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ފާހަގަކުރައްވާފައި ހުރި ގިނަ ކަންތައްތަކަކީ "ވަރަށް ރަނގަޅު" ކަންތައްތަކެއް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ޓެރަރިޒަމް ހުއްޓުވުމަށް ރައީސް ޔާމީން އުޅުއްވާކަން، މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): ސަން ފައިލް ފޮޓޯ
ނަމަވެސް ހަނގުރާމައަށް ދާ މީހުންނާއި އެމީހުނަށް ހަރަދު ކުރާ ފަރާތްތަކާ ބެހޭ ގޮތުން ސިޔާސަތުގައި އަލިއަޅުވާލައިފައި ނުވާ ކަމަށް ބުނެ އިބޫ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ނިހާން އަދި އިބޫގެ ވާހަކައަށް ތައުރީފު ކުރައްވައި، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ހުރިހާ މެމްބަރުން ވެސް އެފަދަ ރޫހުގައި މަސައްކަތް ކުރައްވައިފި ނަމަ އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ސިޔާސަތަށް ވުރެ ފުރިހަމަ، ތަފްސީލް ސިޔާސަތެއް އަދިވެސް ހުށަހެޅިދާނެ ކަމަށާއި އިހުލާސްތެރި ކަމާއެކު ސަރުކާރުން ކުރާ މަސައްކަތަށް އެމްޑީޕީ އިން އެއްބާރުލުން ދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މޫސަ ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޯސާ މަނިކު ވިދާޅުވީ ޓެރަރިޒަމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ސިޔާސީ ދެބަސްވުންތައް އެއްފަރާތްކޮށް ގައުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.