ބެއިޖިން (ޖޫން 20): އިންޑޮނޭޝިއާގެ ނަޓޫނާ ރަށްތަށް ކައިރީ ހުކުރު ދުވަހު ކަނޑު މަހުގެ 'ވައްކަން ކުރަމުން ދިޔަ' ޗައިނާގެ ބޯޓަކަށް އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިން ބަޑީގެ ހަމަލާ ދީފައިވާނެ ކަމަށް އިންޑޮނޭޝިއާގެ މެރިޓައިމް އެފެއާސް އެންޑް ފިޝަރީސްގެ ވެރިޔާ، ސޫސީ ޕުޑިޖަސްޓުޓީ ވިދާޅުވެއްޖެ އެވެ.

ނަޓޫނާ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު އޮންނަނީ އިންޑޮނޭޝިއާގެ އެކްސްކުލޫސިވް އިކޮނޯމިކް ޒޯން (އީއީޒެޑް)ގެ ތެރޭގަ އެވެ. އަދި ޔޫއެންގެ ކަނޑުގެ ގާނޫނުތަކުގައިވާ ގޮތުން އީއީޒެޑްގެ ތެރޭގައިވާ ހުރިހާ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރެވޭނީ ހަމައެކަނި އެ ގައުމަށެވެ. އެހެންކަމުން އީއީޒެޑުން މަސްވެރިކަން ކުރުމަކީ މަހުގެ ވައްކަން ކުރުން ކަމަށް އިންޑޮނޭޝިއައިން ދެކެ އެވެ.

"މަހުގެ ވައްކަން ކުރުމަކީ ކުށެއް. މަހުގެ ވައްކަން ކުރާ އެއްވެސް ގައުމަކާ އެކު އެއްބަސްވުމަކަށް ނާދެވޭނެ،" ޕުޑިޖަސްޓުޓީގެ ޓުވީޓެއްގައިވެ އެވެ.

ނަމަވެސް ފަހުގެ އަހަރުތަކުގައި ޗައިނާ އިން ވަނީ ދެކުނު ޗައިނާ ކަނޑުގައިވާ ރަށްތަކަކީ އެގައުމަށް ނިސްބަތްވާ ރަށްތައް ކަމަށް ބުނެ އެރަށްތަކަށް ބާރު ފޯރުވަން މަސައްކަތް ފަށާފަ އެވެ. ޗައިނާ އިން ބުނާ ގޮތުގައި ނަޓޫނާ ރަށްތައް ކައިރީ އޮންނަ ސަރަހައްދު އޮންނަނީ ޗައިނާގެ 'ނައިން ޑޭޝް ލައިން'ގެ ތެރޭގަ އެވެ. ނައިން ޑޭޝް ލައިނަކީ ޗައިނާއިން އެގައުމަށް ނިސްބަތްވާ ސަރަހައްދުތައް ކަމަށް ބުނެ 1940ގެ އަހަރުތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކެވެ.

ޗައިނާއިން ބުނި ގޮތުގައި ހުކުރު ދުވަހު ދިން ހަމަލާގެ ސަބަބުން ޗައިނާގެ މަސްވެރިއަކަށް އަނިޔާވެފައިވެ އެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވަނީ އިންޑޮނޭޝިއާ އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެ މުސްތަގުބަލުގައި އެގޮތަށް އަމަލު ނުކުރުމަށް ގޮވާލާފަ އެވެ.

އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުން މަސް ބޭނުން ހުއްޓުވުމަށްޓަކައި އެގައުމުން ވަނީ އެސަރަހައްދުގައި އަސްކަރިއްޔާއިން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފަ އެވެ. ގަވާއިދާ ހިލާފަށް އިންޑޮނޭޝިއާ ކަނޑުން މަސްވެރިކަން ކުރުމުގެ ސަބަބުން އެގައުމަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބެ އެވެ. (ރޮއިޓާސް)