މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ މާލޭގައި ވަޅިން ހަމަލާދީ މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކުރި ކުއްޖާ އާއި މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން ހޯދަން ފުލުހުން އިއުލާން ކުރީ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު،15، އާއި މ. ކުރިރުއްގެ، އިރުފާން ރުޝްދީ،21، އެވެ.

އެ ދެ މީހުން އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ ނުވަތަ އެއްވެސް ގޮތަކުން އެމީހުންނާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފާތިރަށް ވަޅިން ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު ގެއިން ނުކުންނަން އުޅެނިކޮށް ދެމީހުންގެ ގްރޫޕަކުންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ފާތިރުގެ ވައަތު ކޮނޑާއި އަރިކަށީގެ ހަތަރު ތަނަކަށް ވަޅިހަރާފައިވާ ކަމަށެވެ.