19:00


އަތޮޅު ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ހަ މީހަކު އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ފުލުހުންގެ މައިމަރުކަޒުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލީސް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ގެންގޮސް އެތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ހަ މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ހަމީހުންނާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވާ ޖިނާހު ވިދާޅުވީ ވޭތިވެދިޔަ ތިން މަސް ދުވަހު މަސްތުވާތަކެތީގެ ވިޔާފާރި ކުރުމަށް ތައްޔާރު ކޮށްފައި ހުރި 200 އަށް ވުރެ ގިނަ ޕެކެޓް ހޯދާފައިވާ އިރު މަސްތުވާތަކެތީގެ ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުރި 2،000 އަށް ވުރެ ގިނަ ޕެކެޓް ހޯދާފައިވާ ކަމަށެވެ. އަދި 540 ފުޅި ބަނގުރާ ހޯދާފައިވާއިރު 70 އަށް ވުރެ ގިނަ ބިޔަރު ދަޅު ހޯދާފައިވާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.


ޖިނާހު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ތިންމަސް ދުވަހު އަތުލައިގެތް މަސްތުވާތަކެތީގެ މަގުމަތީ އަގެއްގެ ގޮތުގައި ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށެވެ. 


ވޭތުވެދިޔަ ތިން މަސް ދުވަހުގެ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ހާމަކުރައްވަމުން ޖިނާހު ވިދާޅުވީ މަސްތުވާތަކެތީގެ 313 މައްސަލައެއް އެއްމުއްދަތުގެ ތެރޭ ހުށަހަޅާފައިވާއިރު 185 މައްސަލަ އެއްގެ ތަހްގީގު މަރުހަލާ ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ. އަދި އެމައްސަލަތަކުގައި 245 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޖިނާހު ވިދާޅުވި އެވެ.


ޖިނާހު އިތުރަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔާފަރި ކުރާ މީހަކު ދެކުނުގެ އަތޮޅުކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ސ.ހިތަދޫ ވައިޖެހޭގޭ، އުމުރުން 24 އަހަރުގެ އަލީ އިސްހާގުގެ އަތުން ބުލެޓް ސައިޒްގެ 50 ޕެކެޓް އަތުލައިގެންފައިވާ ކަމަށާއި އެތަކެތީގެ ސްޓްރީޓް ވެލިޔު އެގާރަ ލައްކަ ތިރާސް ހާހަހަށް އަރާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ. އޭނާއަށް ފުލުހުން ހިނގި އޮޕަރޭޝަނުގައި މަސްތުވާތަކެތި އަތުލައިގެތް ވީޑީއޯ ކުލިޕް ވަނީ ދައްކާލާފައެވެ. އަދި އަތުލައިގެތް މަސްތުވާތަކެތި ވެސް ވަނީ ނޫސް ވެރިންނަށް ދައްކާލާފަ އެވެ.