20 Jun 2016, 13:17
ބަނޑުގައި ރިހުމުން އެކަން ފަސޭހަ ކުރުމަށްޓަކައި ރާއްޖެ އެތެރެކޮށް، ވިއްކަމުން އައި ހަޔޮސިމެކްސް ބްރޭންޑުގެ ގުޅަ ބޭހާއި އިންޖެކްޝަން ރާއްޖޭގައި ބޭނުން ކުރުން ދާއިމީކޮށް މަނާކޮށްފި އެވެ.
ހަޔޮސިމެކްސް ބްރޭންޑުގެ އިންޖެކްޝަނުގައި މައްސަލަތަކެއް އުޅޭކަމަށް ބެލެވި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެކަން ބެލުމަށްޓަކައި، އެ ބޭސް ރާއްޖޭގައި ބޭނުންކުރުން މި އަހަރުގެ ފެބްރުއަރީ މަހު ވަގުތީ ގޮތުން މަނާ ކުރި އެވެ. ނަމަވެސް އެ ބޭސް މިއަދު ދާއިމީކޮށް މަނާކޮށް، އެމްއެފްޑީއޭއިން ވަނީ އެކަން އިއުލާން ކޮށްފަ އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާއިޝަތު މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ، ބަނޑުގައި ރިއްސާތީ ބޭނުންކުރާ އެ ބޭސް ވަގުތީ ގޮތުން ބޭނުން ކުރުން މަނާކުރީ މި އަހަރުގެ ކުރީކޮޅު ކަމަށާއި އެކަމުގެ ސަބަބަކީ ހަޔޮސިމެކްސް ބްރޭންޑުގެ އިންޖެކްޝަނުގައި މައްސަލަތަކެއް އުޅޭތީ، އެކަން ތަހުލީލު ކުރުމަށްޓަކައި ކަމަށެވެ.
އޭނާ ވިދާޅުވީ ތަހުލީލުތަކުން ދައްކާ ގޮތުގައި، އެ އިންޖެކްޝަނު އުފައްދާފައި ވަނީ ބޭސް އުފެއްދުމުގެ މިންގަނޑުތަކާ ޚިލާފަށް ކަމަށެވެ.
"އެ ބްރޭންޑުގެ އިންޖެކްޝަނު މިންގަނޑާ ޚިލާފަށް އުފައްދާ ނަމަ ގުޅަ ބޭހުގައި ވެސް މައްސަލަ ހުރުމުގެ ފުރުސަތު އޮންނާނެ ދެއްތޯ. އެހެންވީމަ އަޅުގަނޑުމެން މިއަދު މި ބޭސް ދާއިމީކޮށް މަނާ ކުރީ،" އާއިޝަތު މުހައްމަދު ވިދާޅުވި އެވެ.