20 Jun 2016, 13:04
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން، މެޑަމް ފާތުމަތު އިބްރާހީމަށް ނިސްބަތްވާ ސަދަގާތު ފައުންޑޭޝަނުން ސައުދީ ކަދުރު ބެހި ކަމަށް ބުނާ މައްސަލަ އިދިކޮޅު އެމްޑީޕީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ފަރާތުން މިއަދު އޭސީސީ އަށް ހުށަހެޅި އެއް މައްސަލައަކީ ސައޫދީ ސަރުކާރުން މި ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް ބަހަން ހަދިޔާ ކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ކަދުރު މެޑަމް ފާތުންގެ މަސްލަހަތު އޮންނަ ޖަމިއްޔާއެއް ކަމުގައިވާ 'ސަދަޤާތު ފައުންޑޭޝަން'އާ ހަވާލުކޮށްފައިވާ މައްސަލަ އެވެ.
އެމްޑީޕީ އިން ބުނީ އެކަމަކީ މާލިޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ބޭރުގެ ފަރާތަކުން ސަރުކާރަށް ހަދިޔާކޮށްފައިވާ މުދަލެއް ދޫކޮށްފައިވާ މައްސަލައެއް ކަމަށެވެ. އޭގެ އިތުރުން ސައޫދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ދޫކޮށްފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން 50 ކޯޓާ މެޑަމް ފާތުން އަށް ހަވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް އެމްޑީޕީގެ ފަރާތުން ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ.
އެ ދެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީ އިން ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ.
ކަދުރުގެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާ އިރު، ސައުދީ ސަރުކާރުން ވަނީ ކަދުރުތައް ބެހެމުގައި މެޑަމްގެ އިސްނެންގެވުމަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.