ސަރުކާރުގެ ވުޒާރާތަކަށް ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)، އައްޔަން ކުރުމުގެ ބާރު އެ ވުޒާރާއެއްގެ ވަޒީރަށް ލިބިދޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާމަނަންޓް ސެކަރެޓަރީން ވުޒާރާތަކަށް އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. ނަމަވެސް އެ ގާނޫނަށް ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެ މަގާމަށް މީހުން އައްޔަން ކުރާނީ އެ ވުޒާރާއެއް ހިންގަވާ ވަޒީރުގެ ލަފާގެ މަތިން ކަމަށެވެ.

މަޖިލީހަށް ބަލައިގެންފައިވާ އެ އިސްލާހާ ގުޅޭ ގޮތުން މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ އިސްލާހު ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ޕީޕީއެމްގެ ފަސް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރަން ދިން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ ކޮމެޓީގައި އިންނެވި ހަމައެކަނި އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމެވެ. ކޮމެޓީގެ މުގައްރިރަކަށް އެ ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވެ އެވެ. ކޮމެޓީގެ މުގައްރިރަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވެނީ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގަ އެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ އެ އިސްލާހު ކޮމެޓީން ފާސްކުރުމުގެ ކުރިން ސީއެސްސީ ބަހެއް ހޯދަން ޖެހޭނެ ކަމަށެވެ. އޭނާ ހުށަހެޅުއްވީ އެ އިސްލާހު ކޮމެޓީން ފާސްކުރުމުގެ ކުރިން ސީއެސްސީގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.

ނަމަވެސް ރޮޒައިނާގެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ. އޭނާގެ ހުށަހެޅުމަށް ކޮމެޓީން ވޯޓަށް ނޭހީ އެ އިސްލާހު ފާސްކުރުމަށް ކޮމެޓީން ފާސްވުމާ ގުޅިގެންނެވެ.

ސީއެސްސީގެ ގާނޫނަށް ދިއްދޫ ދާއިރާގެ މެމްބަރު ލަތީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕީއެސްގެ ޒިންމާއަކީ މިނިސްޓަރުގެ އިރުޝާދާއި ލަފާގެ މަތިން މިނިސްޓްރީ ހިންގައި ބެލެހެއްޓުމެވެ. އަދި މިނިސްޓްރީގެ މަސައްކަތާ ގުޅޭ ގޮތުން މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވުމަކީ ޕީއެސްގެ ޒިންމާ ކަމުގައި އެ އިސްލާހުގައި ބުނެފައިވެ އވެެ.

އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ލަތީ ވިދާޅުވެފައި ވަނީ މިނިސްޓްރީތަކުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓަރާއި ޕީއެސް ގުޅިގެން ހަލުވިކަމާއެކުުހިދުމަތްތައް ފޯރުކޮށް، މިނިސްޓްރީތަކުގެ ހިންގން ހަރުދަނާ ކުރުމަކީ އެ އިސްލާހުގެ ބޭނުން ކަމަށެވެ.