މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އަށް މީހެއްގެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ބާއްވަން ތާވަލްކުރި އެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެ އަށް މީހުންނާއި އެ މައްސަލާގައި ދައުވާ އުފުލާފައިވާ އިތުރު ބައެއްގެ މައްސަލަތައް މީގެ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ. އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރި އިރު އެ މައްސަލަތަކުގެ އަޑުއެހުން ނިންމައި ހުކުމް ކުރުމާ ހިސާބުގަ އެވެ.

ކޯކު ފުޅިއަކުން ފުލުސް މީހާ އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ނާސިރާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ބާއްވާ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި ކްލަބް އީގަލްސްގެ ކުރީގެ ކޯލްކީޕަރު އިބްރާހީމް ލަބާން ޝަރީފް ވެސް ހިމެނެ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީއެއްގެ ގޮތުގައި މިހާރު ހަމަޖައްސަވާފައި ވަނީ ގާޒީ އަލީ އާދަމެވެ. ގާޒީ ބަދަލުވެފައި ވާތީ އެ މައްސަލާގައި މާދަމާ ހުކުމް ނީއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

މޭޑޭ މުޒާހަރާގައި ފުލުސް މީހާ އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އެކެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އަދި ދައުވާ ސާބިތުވެ އެކަކު ހަތް އަހަރަށް ޖަލަށް ލުމަށް ވެސް މީގެ ކުރިން ވަނީ ހުކުމް ކޮށްފަ އެވެ. އެއީ ނ. މިނަލަދޫ ނޫރާނީގޭ މުހައްމަދު އިގްބާލެވެ.

މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ ރަޝީދު --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާދާމާ ބާއްވާ މައްސަލައިގައި ދައުވާ ލިބޭ އަށް މީހުން

  • ނާސިރާ އަލީ، ލ. ގަން އެއްގަމުގެ

  • އިބްރާހީމް ލަބާން ޝަރީފް، ބ. ބާންސަރީގެ
  • މޫސާ ޝަރުމީލް، ދަފްތަރު 9130
  • ފަރުހަތު އަލީ، ގ. ބްލޫވޭވް
  • އަބްދުﷲ ރަޝީދު، ގ. ކީމާ
  • އަލީ ރަޝީދު، މއ. ފޯޗިއުން
  • އުމަރު ގާހިރު، ގދ. ގައްދޫ ނީލޯފަރުމާގެ