20 Jun 2016, 13:09
ކާބުލް (ޖޫން 20) : އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ރޭ ފަތިހު ދިން ޓެރަރިސްޓް ހަމަލާއެއްގައި 14 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.
އަފްޣާނިސްތާނުގެ ހަރުކަށި ތާލިބާން ޖަމާއަތުން މަސްއޫލިއްޔަތު އުފުލި މި ހަމަލާދީފައި ވަނީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރި އެޖަމާއަތުގެ މީހެއްކަމަށްވެ އެވެ. އެމީހާ މިޙަމަލާދީފައިވަނީ ގޮވާތަކެއްޗާ އެކު ހަށިގަނޑު ގޮއްވާލައިގެން އަމިއްލައަށް މަރުވެގެން ކަމަށް އަފްޣާން އަމްނާބެހޭ މަސްއޫލުވެރިން ވިދާޅުވި އެވެ. މިހަމަލާ އަމާޒުކޮށްފައި ވަނީ އަފްޣާން ސަރުކާރުގެ ކޮންޓްރެކްޓެއްގެ ދަށުން ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ނޭޕާލުގެ ބަޔަކު ދަތުރުކުރި ބަހަކަށް އަމާޒުކޮށްގެންނެވެ. އެހެންކަމުން މިހަމަލާގައި މަރުވިމީހުންގެ ތެރޭގައި ގިނައީ ނޭޕާލް މީހުންކަމަށް އަފްޣާން އަމަނާ ބެހޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް ބުނެ އެވެ.
އަފްޣާން ދާޚިލީ ވުޒާރާގެ ތަރްޖަމާން ސިއްދީގް ސިއްދީގީ ވިދާޅުވީ ތާލިބާނުންގެ މީހަކު އަމިއްލައަށް މަރުވެގެން ދިން މި ޓެރަރިސްޓް ހަމަލާގައި 14 މީހުން މަރުވެ 8 މީހުން ޒަޚަމްވި އެވެ. މަރުވެ އަދި ޒަޚަމްވި މީހުންގެ ތެރޭގައި ނޭޕާލު މީހުންގެ އިތުރުން އަފްޣާން މީހުން ވެސް ހިމެނޭ ކަމަށާއި މަރުވި ގިނަމީހުންގެ ހަށިތައް ވަނީ ކާކުކަން ނޭންގޭވަރަށް ހަލާކުވެފައި ކަމަށް ސިއްދީގް ސިއްދީގީ ވިދާޅުވި އެވެ.
މިއީ، ތާލިބާނުންގެ ލީޑަރު މުއްލާ އަޚްތަރު މަންސޫރު އެމެރިކާގެ ހަމަލާއެއްގައި މަރާލިފަހުން އެޖަމާއަތުން ކާބުލްގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާކަމަށް ވެސް އަފްޣާން ދާޚިލީ ވުޒާރާގެ ތަރްޖަމާން ސިއްދީގް ސިއްދީގީ ސިފަކުރެއްވިއެވެ. ތާލިބާނުންގެ އައު ލީޑަރު މައުލާނާ ހައިބަތުﷲ އަޚްތުންޒަދާއަކީ އެޖަމާއަތުގެ ކުރީގެ ލީޑަރު މުއްލާ މަންސޫރަށްވުރެވެސް ހަރުކަށި މީހެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ކާބުލްގެ ބަހަކަށް ދިން މިހަމަލާގެ ޒިންމާ އުފުލަމުން ތާލިބާނުންގެ ތަރްޖަމާން ޒަބީހުﷲ މުޖާހިދު ވަނީ މިޓެރަރިސްޓް ހަމަލާއަކީ ޖިހާދުގެ އަމަލެއްކަމަށް ސިފަކޮށްފައެވެ.
ތާލިބާނުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ ހުކުމްތައް އެމީހުންނަށް ފެންނަ އަދި އެމީހުންނަށް މަސްލަހަތު ހުރިގޮތްގޮތަށް ތަފްސީރުކޮށްގެން ދީނުގެ ނަމުގައި ތަޅާފޮޅުމާއި އަނިޔާވެރިކަމާއި ހަރުކަށިކަން ކުރިޔަށް ނެރެގެން އުޅޭ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. (ނޫސްއެޖެންސީތައް)