މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅޭ މީހުން، ފުލުހުން ނަގައި އެމީހުން އިސްލާހު ކުރަން މާފުށްޓަށް ފޮނުވަން ފުލުހުންނަށް އަންގާފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިއްޔެ 'ސަން' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މުޖުތަމައުގައި އަމަން ގާއިމު ކުރުމަށް ގާނޫނު ހުއްދަ ކުރާ ކޮންމެ ކަމެއް ވެސް ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

"ފުލުހުންނަށް އަންގާފައި އޮންނާނީ މަގުމަތީގައި މަސްތުވެގެން އުޅޭ މީހަކު ވިއްޔާ ނަގާށޭ. ވަރަށް އަވަހަށް ފުލުހުން ނަގަން ފަށާނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެމީހުން ބައިތިއްބަން ބޭނުންވާ "ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު" މިހާރު މާފުށީގައި ގާއިމުކޮށްފައިވާ ކަމަށެވެ.

ގާނޫނުތަކަށް ހުރަސްއަޅާ ގޭންގުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުޑަކުދިން ނަގައި ރިހެބިލިޓޭޓް ކުރުމަށް ދ. ވާންޏަށް ފޮނުވުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށައިފަ އެވެ. އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 21 ކުއްޖަކު ވަނީ 27 ޓުރެއިނަރުން އެކުލެވޭ ޑައިވާޝަން ޕްރޮގްރާމެއްގައި ބައިވެރި ކުރުމަށް ވާނީ އަށް ފޮނުވައިފަ އެވެ.

އަދި އެ ޕްރޮގްރާމު ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި މަގުމަތީގައި ގްރޫޕް ހަދައިގެން، ބޯ ދިގުކޮށްގެން ސިނގިރޭޓް ބޮއެ އުޅޭ ކުޑަކުދިން ނަގަމުން ގެންދާނަން. ނަގާފައި މި ޕްރޮގްރާމަށް ލައިގެން ކުރިއަށް ގެންދާނަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މުޖުތަމައުގައި ހުރި ކަންކަން އެންމެ ދުވަހަކުން ދެ ދުވަހަކުން ހައްލު ވާނެ ކަންކަން ނޫން ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ހަރުކަށި އުސޫލުތައް ބޭނުން ކުރަން ޖެހިފައިވާ ކަމަށެވެ.

އަދި "ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ސިޔާސީ މީހުންގެ ދޮރުގައި ޓަކި ދިނަސް، މައިންބަފައިން ރުޅި އަޔަސް" އަމަން ގާއިމު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ މަސްތުވެގެން މަގުމަތީގައި ހޫރޭ މީހުން ނަގާފައި، ކުށް ކުރާ ކުޑަކުދިން ނަގާފައި ބޮޑެތި ގޭންގް ލީޑަރުން ފައިގައި ޓެގް އެޅުވީމާ އެކަށީގެންވާ ޗޭންޖެއް އަންނާނެ،" އުމަރު ވިދާޅުވި އެވެ.