އެކަމަނާއަކީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަށް އަމިއްލަފުޅު ނަފްސު ހިބަކުރެއްވި ބޭކަނބަލެކެވެ.أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنهاވިދާޅުވާގޮތުގައިأمّهاتالمؤمنينގެ ތެރެއިން މާތްاللّـهގެ ރަސްކަންފުޅުދެކެ އެންމެބޮޑަށް ބިރުވެތިވެވަޑައިގަންނަވަނީ އެކަމަނާއެވެ. ގާތްތިމާގެކަމުގެ ގުޅުން އެންމެބޮޑަށް ވާސިލުކުރައްވާ ބޭކަނބަލަކީވެސް އެކަމަނާއެވެ. އެކަމަނާއަކީ ޞަޙާބީންގެ ތެރެއިންحبرالأمّةގެ މަތިވެރި ޝަރަފު ލިބިވަޑައިގެން ހުންނެވި މަތިވެރި ޢާލިމުعبد اللّـه بن عبّاس رضى اللّـه عنهގެ ބޮޑުދައިތާފުޅެވެ. އިސްލާމީ އުންމަތް އެބޭކަލަކާމެދު ތާއަބަދު ފަޚުރުވެރިވާ މަތިވެރި ޖަނަރަލްسيف اللّـه خالد بن الوليد رضى اللّـهއާއި އުންމަތުގެ އަރާހުންނެވި މުޙައްދިޘްيزيد بن الأصمّ رحمه اللّـهގެވެސް ބޮޑުދައިތާފުޅެވެ. އެކަމަނާއަކީ މިއުންމަތަށް އެންމެފަހުން ލިބުނުأمّ المؤمنينއެވެ.

+ + + + + +

ނަންފުޅާއި ނަސަބުފުޅު

ތަފާތު ޤަބީލާތަކާއި ވަންހަތަކަށްބެހި އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ނަސަބާހުރެ ފަޚުރުވެރިވަމުންދިޔަ ޢަރަބިކަރައިގައިވެސް ދުރުދެ ޤަބީލާއެއްގެ ދެމީހަކު ކާވެނިކުރުމަކީ ޢާއްމުކަމެކެވެ. މިފަދަ ކާވެނިތަކުގައި ބަލައިއުޅުނީ އެބަޔަކުގެ ނަސްލީ ފަޚުރުވެރިކަމަށް "ހުތުރުނުވާ" ފަދަ ޤަބީލާތަކުން ކާވެނިކުރުމަށެވެ. މިގޮތުން ސަލާމްލެއްވިإسمعيلގެފާނުގެ ދަރިކޮޅުގައި ހިމެނޭ ހިލާލުވަންހަ (ބަނޫ ޢާމިރު ވަންހަ ނުވަތަ ޞަޢުޞައާވަންހަ) އިގެ ބޮޑުންކުރެحارث بن حزنޔަމަނުކަރައިގެ ރަސްދަރިކޮޅެއްކަމުގައިވާ ޙިމްޔަރުވަންހައިގެ ބޭކަނބަލަކާ ކާވެނިކުރެއްވިއެވެ. އެކަމަނާގެ ނަމަކީهند بنت عوفއެވެ. އެދެކަނބަލުންގެ ކާވެނިފުޅާ ގުޅިގެން ވަރަށް ވަރުގަދަ ވަލީމާއެއް އޮތެވެ. ވަށަވަށައިގެންހުރި ޤަބީލާތަކަށްވެސް އެ ވަލީމާއަށް ދަޢުވަތު ދެވުނެވެ. އެދުވަސްވަރުގެ އާދަކާދައިގައި ހިމެނޭ އެންމެމަތީފެންވަރުގައި ކާވެނީގެ ހުރިހާ ރަސްމުތަކެއް ފުރިހަމަކުރެވުނެވެ.

حارث بن حزنއާއިهند بنت عوفއާ ދެކަނބަލުންގެ ޒަވާޖީ ޙަޔާތުގެ ދުވަސްތައް ގުނެމުންދިޔައެވެ. ޒަމާން ފަށްފަށްވަމުން މާޒީވަމުން ދިޔައެވެ. އެދެކަނބަލުންގެ ގެކޮޅުގައި ތަދުމަދު އެއްޗެއްނެތެވެ. އޮތްހައިވެސް އުނިކަމަކީ އަނެއްކާވެސް އެދެކަނބަލުންގެ ގެއާއި ގޯތިތެރެ އެކުއްޖެއްގެ ހުނުމުގެ އަޑުންނާއި ލާނެތް ސަމާސާތަކުން ފަޅުފިލުވާނެ ތުއްތު ކުއްޖެކެވެ. އޭގެކުރީންވެސް އެދެކަނބަލުންނަށް އެ ނިޢުމަތް ލިބިވަޑައިގެންނެވި ފަދައިންނެވެ.

މާގިނަދުވަސްތަކެއްނުވަނީސް އަރަހުށި މާތްاللّـهއެދެކަނބަލުންނަށް އެ ނިޢުމަތް ދެއްވުމުގައިވެސް ދީލަތިވެވޮޑިގެންފިއެވެ. އެދެކަނބަލުންނަށް ހަނދެއްފަދަ ރީތި ފުރިހަމަ ދަރިކަނބަލަކު ދެއްވައިފިއެވެ. އަންހެންދަރިޔަކު ލިބުމަކީ ޢަރަބީންގެ ގިނަމީހުންގެ މޫނުމަތީން ހިނިތުންވުން ފިލާކަމެކެވެ. ހިތާމައިގެ އަސަރުތައް މޫނުމަތި މިލުވައިލާ ކަމެކެވެ. ނަމަވެސް އޭރުވެސް ހޭލުންތެރި، ވިސްނުންތެރި ބައެއް ޢާއިލާތަކުން އަންހެންދަރިންނަށް މަރްޙަބާ ކިޔަމުންވެސް ގެންދެއެވެ.حارث بن حزنގެ ދެކަނބަލުންވެސް ވެވަޑައިގަތީ އެފަދަ މައިންބަފައިންގެ ތެރެއިންނެވެ. އެދެކަނބަލުންނަށް އަންހެންބޭފުޅުން ލިބިވަޑައިގަންނަވަމުން ދިޔައިރުވެސް އެދަރިދަރިކަނބަލުންނާމެދު އުފާކުރެއްވިއެވެ. އަޅުގަނޑުގެ މި މަޒްމޫނުގެ މައިގަނޑު ނަމެއްކަމުގައިވާ ބާއްޖަވެރި ދަރިކަނބަލުން ރައްކައުވީ ކައުސާހިބާصلّى اللّـه عليه وسلّمނަބީކަމައިގެން ފޮނުއްވުމުގެ ސޯޅަވަރަކަށް އަހަރު ކުރީންނެވެ.حارثއާއިهندއެދަރިކަނބަލުންގެ ނަންފުޅަކަށް ޚިޔާރުކުރީبرّةއެވެ. އާދެبرّة بنت الحارثއެވެ.

ކުރީގެ ދެކާވެނިފުޅު

ބައްޕައާއި މަންމަގެ އޯގާވެރިކަމުގެ ފުރާޅުގެދަށުގައި ތަރުބިޔަތު ލިބިވަޑައިގަންނަވަމުން ވަޑައިގެންނެވިالسّيّدة برّة بنت الحارثފިރިފުރާވަރަށް އަރައިވަޑައިގަތުމާއެކު، ކާވެނިފުޅުގެ ދަޢުވަތުތައް ސުމާރެއްނެތްވަރަށް ލިބިވަޑައިގަންނަވާން ފަށައިފިއެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ.حارثއާއިهندއެކަމަނާ ތަރްބިޔަތު ކުރައްވައިފައިވަނީ އެފަދަ ދަޢުވަތުތައް އޮހޭގޮތަށެވެ. ރަނގަޅު ޢާއިލާތަކުގެ ރީތި ޒުވާނުންގެ ހިތްތައް އެކަމަނާގެ މައްޗަށް ލެނބޭފަދަ ފުރިހަމަގޮތެއްގައެވެ.السّيّدة برّةއަށް ލިބިވަޑައިގެންނެވި ދަޢުވަތުތަކުގެ ތެރެއިން އެކަމަނާގެ ޢާއިލާ އެންމެ ފިކުރާވެވަޑައިގަތީ ޘަޤީފުވަންހައިގެ ބޮޑުންކުރެ ހިމެނޭ ޒުވާނެއްކަމުގައިވާمسعود بن عمرو بن عمير الثّقفىގެ ދަޢުވަތާމެދުއެވެ. އެހެންކަމުން އެދެކަނބަލުން ޢާއިލީ ގާތްމީހުނާ މަޝްވަރާކުރެއްވުމަށްފަހު އެދަޢުވަތު ޤަބޫލުކުރެއްވިއެވެ. ވަރަށް ފުރިހަމަޔަށް ކާވެނިފުޅުގެ އިންތިޒާމުކުރެވި،برّةއާއިمسعودއާ ދެކަނބަލުންގެ މެދުގައި ޒަވާޖީ ޙަޔާތެއްގެ ގޮށްޖަހައިދެވުނެވެ. ނުހަނު ކުލަގަދަ ރަސްމިއްޔާތެއްގައިالسّيّدة برّةފިރިކަލުންގެ ގެއަށް އެރެހައްޓައިދެވުނެވެ.

ކާވެނިފުޅުގެ ކުރީކޮޅު ދެކަނބަލުން އުޅުއްވަމުންގެންދެވީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއި އުފާފާގަތިކަމުގައެވެ. ނަމަވެސް ދުވަސްތައް މާޒީވަމުންއައިސް ދެކަނބަލުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދޭން ފަށައިފިއެވެ. އެތަފާތުތައް ގިނަވަމުން، ފުޅާވަމުންދާން ފަށައިފިއެވެ. ދެކަނބަލުންގެ މިޒާޖުފުޅު ވަރަށް ތަފާތެވެ.برّةއަށް ކަމުދާގޮތެއްمسعودއަކަށް ރަނގަޅެއް ނުވެއެވެ. އެއްވެސްކަމެއްގައި ދެކަނބަލުންނަށް އެއްގަލަކަށް އަރައިވަޑައެއް ނުގެންނެވެއެވެ. އެންމެފަހުންގޮސް މިފަދަ ޙާލަތްތަކުގައި ކާވެނިތަކުގެ ނިމުން އަންނަ ބީދައިން،السّيّدة برّةއާއިمسعودގެ ކާވެނިފުޅުވެސް ނިމުމަކަށް ހިނގައްޖެއެވެ.مسعود، السّيّدة برّةވަރިކޮށްފައި ގެއަށް ފޮނުވާލައިފިއެވެ.

السّيّدة برّة بنت الحارثވަރިވެވަޑައިގެން ގެއަށްވަޑައިގެންނެވިއިރު އިންނެވީ ވަރަށްބޮޑަށް ހިތްޕުޅުގައި ޖެހިވަޑައިގެންފައެވެ. ފިކުރުފުޅު ބޮޑުވެފައެވެ. ހިތާމަފުޅުންނެވެ. އެކަމަނާގެ ބައްޕައާއި މަންމަޔަށް ކެތްތެރިވެވަޑައިގެންނެވުން ފިޔަވައި ކުރެއްވޭނީވެސް ކޮންކަމެއްތޯއެވެ. ނަމަވެސް، އެދެކަނބަލުން އަނެއްކާވެސްبرّةއަށް ޙަޔާތްޕުޅުގެ ބައިވެރިޔަކު ހޯއްދަވައިދެއްވޭތޯ މަސައްކަތްޕުޅު ފެއްޓެވިއެވެ. އެދެކަނބަލުން އެފިކުރުފުޅުގައި ތިއްބަވަނިކޮށްحارث بن حزنއަށް ލިބިވަޑައިގެންނެވީ ޢާމިރު ބިން ލުއައްޔުވަންހައިގެ ޒުވާނެއްކަމުގައިވާأبورهم بن عبدالعزىّ، السّيّدة برّةގެ ކާވެނިފުޅަށް އެދިވަޑައިގެން ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.

السّيّدة برّةގެ ޢާއިލާގެ ކުރިމަތީގައި އަނެއްކާވެސް އުންމީދުގެ އަލިކަމެއް ފާޅުވިއެވެ. އުފާވެރި ބަދަލަކަށް މޫސުން ތަންދިނެވެ.حارث بن حزنއަށް އޭނާގެ ހިތްޕުޅުގެ މުރާދު ޙާޞިލުވާން އުޅޭކަމުގައި ފެނިވަޑައިގެންނެވިއެވެ.هند بنت عوفއަށް އެކަމަނާގެ ހުވަފެންފުޅުގެ ތަޢުބީރުގެ މޭގަ ފެންނަހެންހީފުޅުވިއެވެ. ނަމަވެސް ކުރީގެ ތަޖްރިބާގެ މައްޗަށް ބިނާކުރައްވައިبرّةގެ ކާވެނިފުޅު އަވަސްކުރައްވާކަށެއް އެދެކަނބަލުން މިފަހަރަކު ނުއުޅުއްވައެވެ. އެކޮއްކޮއަކު އިންތިޚާބުކުރެއްވުމުގައި ކުރިޔަށްވަޑައިގަތީ ވަރަށްބޮޑަށް ފައިދޮށް ބައްލަވަމުންނެވެ.

އެދެކަނބަލުން ހުރިހާ ދިމާޔަކަށް ވިސްނުންފުޅު ހިންގެވިއެވެ. ލިބިވަޑައިގެންފައިވާ ހުށަހެޅުއްވުން ވަރަށް ރަނގަޅަށް ކިރުއްވައި ވަޒަންކުރެއްވިއެވެ. އެއަށްފަހުأبو رهمއަށް އޭނާގެ ހުށަހެޅުއްވުން ޤަބޫލުކުރައްވާކަން އެންގެވިއެވެ.أبورهم بن عبدالعزىّވަރަށްބޮޑަށް އުފާކުރެއްވިއެވެ. އޭނާއަކީ ވަރަށް ޚުލުޤުހެޔޮ ބޭކަލެކެވެ. އިންސާނިއްޔަތުދެކެ ލޯބިފުޅުވާ އޯގާވެރި ޒުވާނެކެވެ.

ކާވެނިފުޅުގެ ތާރީޚު ކަނޑައެޅިއްޖެއެވެ.السّيّدة برّةގެ ޙަޔާތްޕުޅުގެ އުފާފާގަތިކަމުގެ ދުވަސްތަކެއް ފެށޭގަޑި ޖެހިއްޖެއެވެ. އެކަމަނާގެ ދިރިއުޅުއްވުން އަނެއްކާވެސް އާބާދުވެއްޖެއެވެ.أبورهم، برّةއޭނާގެ ގެއަށް ގެންދެވީ އިންތިހާދަރަޖައިގެ ކަމޭހިތްތެވުމާއި، ޙުރުމަތާއެކުގައެވެ. އޭނާبرّةބެއިންދެވީ ޚާދިމާއެއްގެ މަޤާމަކު ނޫނެވެ. އަދި ކީއްތޯއެވެ. ރަނިކަނބަލެއްގެ މަޤާމުގައެވެ. ކޮންމެ ނިންމުމަކާއި ކޮންމެކަމެއްގެ ފުރިހަމަ އިޚްތިޔާރު ދެއްވައިފައެވެ. އެދެކަނބަލުންގެ ގެކޮޅުވެފައިވަނީ ސުވަރުގޭގެ ނަމޫނާއެއްކަމުގައެވެ. އޮތްހައިވެސް އުނިކަމަކީ ދެކަނބަލުންނަށް ދަރިކަލަކު ނުވަތަ ދަރިކަނބަލަކު ލިބިވަޑައިނުގަންނަވާކަމުގެ އުނިކަމެވެ.

ސިކުންތުތައް މިނިޓުތަކަށް، މިނިޓުތައް ގަޑިތަކަށް ބަދަލުވަމުންއައިސްالسّيّدة برّةގެ ޙަޔާތްޕުޅަށް އަނެއްކާވެސް ހިޔަނިއެޅީ ހިތިހިތާމައިގެ ދުވަސްތަކެކެވެ.أبورهمއަވަހާރަވެالسّيّدة برّةހުވަފަތްވެވަޑައިގެންފިއެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ ގާތްގަނޑަކަށް ތިރީސްހަ އަހަރުފުޅެވެ. އެކަމަނާއަށް މަޖްބޫރުވެވަޑައިގަތީ ހުވަފަތްކަމުގެ ކެކުޅުން ބަރުދާސްތުކުރައްވާށެވެ. އެކަމަނާ ހިތްވަރުފުޅާއި، ކެތްތެރިކަމާއި، ސާބިތުކަމާއެކު ޙަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލެއްވިއެވެ.

އެކަނިވެރިކަމާއި ފޫހިފުޅުކަމާއެކު ދިރިއުޅުއްވާން ޖެހިވަޑައިގަތުމުން،السّيّدة برّةޤަޞްދުކުރެއްވީ އެކަމަނާގެ ދޮށީދައިތާފުޅުلبابة الكبرىއާއި އެކަމަނާގެ ފިރިކަލުންعبّاس بن عبدالمطّلبގެ ބެއްލެވުމުގެދަށަށް ވަޑައިގެންނެވުމަށެވެ. އެހެންކަމުންالسّيّدة برّة،عبّاس بن عبدالمطّلبގެ ގެކޮޅަށް ބަދަލުވެވަޑައިގެންނެވިއެވެ. ލޯބިފުޅުވާ ދައިތާފުޅާއި ޅިޔަންބޭބޭފުޅު ކޮންމެވެސް ކުފޫހަމަވާ ރަނގަޅު ދިމާޔަކުން އެކަމަނާއަށް ފިރިކަލަކު ހޯއްދަވައިދެއްވަން ވިސްނުންފުޅު ހިންގަވަމުންގެންދެވިއެވެ. ނަމަވެސް ވަކިމިސްރާބަކަށް އެދެކަނބަލުންގެ ހިތްޕުޅުގެ ސަމުގާގެ ކަށިހުއްޓޭގޮތެއް ނުވެއެވެ.

برّة - أمّ المؤمنين

އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمމައްކާއިން މަދީނާއަށް ހިޖްރަކުރައްވައި މަދީނާގައި އަހަރުތަކެއް ހޭދަކުރައްވައިފިއެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمހިޖްރައިން ހަވަނައަހަރު ޢުމްރާވެވަޑައިގަތުމުގެ ބޭނުންފުޅުގައި މައްކާއަށް ވަޑައިގެންނެވިއެވެ. ނަމަވެސް ޤުރައިޝުން މުސްލިމުން މައްކާއަށް އެރިޔަކަނުދިނެވެ. އިތުރު ސާހިބާ ޙުދައިބިއްޔާގައި ހުންނަވައި މައްކާގެ މުޝްރިކުންނާ ވާހަކަ ދައްކަވައި ޞުލްޙަނާމާއެއްގައި ސޮއިކުރެއްވިއެވެ. އެ އެއްބަސްވުމުގައިވަނީ އެއަހަރު މުސްލިމުން މައްކާއަށް ނާރައި އެނބުރި މަދީނާއަށް ދިއުމަށެވެ. ނަމަވެސް ވިދިގެން އަންނަ އަހަރު މުސްލިމުން ޢުމްރާގެ ބާއްޖަވެރިކަން ހޯދަން މައްކާއަށް އައުމަށެވެ. މުޝްރިކުން މުސްލިމުންނަށްޓަކައި ތިންދުވަހަށް މައްކާ ހުސްކޮށްދިނުމަށެވެ.

އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمހިޖްރައިން ހަތްވަނައަހަރު މުސްލިމުން ގޮވައިގެން ޢުމްރާވެވަޑައިގަތުމަށްޓަކައި މައްކާއަށް ވަޑައިގެންނެވިއެވެ. އިތުރު ސާހިބާގެ އަރިހުގައި މިދަތުރުފުޅުގައި ގިނައިން ވަޑައިގެންނެވީ މުހާޖިރިއްޔަ ބޭކަލުންނެވެ.

ކައުސާހިބާصلّى اللّـه عليه وسلّمޢުމްރަތުލްޤަޟާއަށް މައްކާއަށް ވަޑައިގަތުމުން،السّيّدة برّةގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގަތުމަކަށްވީ، އެކަމަނާއަށްأمّ المؤمنينގެ ޝަރަފު ލިބިވަޑައިގަތުމެވެ.

ކައުސާހިބާصلّى اللّـه عليه وسلّمމުސްލިމުންނާއިގެން ޢުމްރާވެވަޑައިގަތުމަށްޓަކައި މައްކާއަށް އަރައިވަޑައިގެންނެވިއިރު، މުސްލިމުންގެ އީމާންކަމުގެ ޖޯޝު ދުށުމަށާއި، މަދީނާއަށް ހިޖްރަކުރެއްވުމުގެ ސަބަބުން ނުފެނި އަހަރުތަކެއްވެފައިވާ ގާތްތިމާގެ މީހުން ދުށުމަށް މައްކާގެ އެތައްބަޔަކު އެއްވިއެވެ. އޭގެތެރޭގައި،السّيّدة برّةވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާ އިންނެވީ، ޖަމަލަކަށް ސަވާރުވެވަޑައިގެންނެވެ. އެކަމަނާގެ ޝައުޤުވެރިކަމުގެ ލޯފުޅުން ހޯއްދަވަމުންގެންދެވީ، ކައުސާހިބާصلّى اللّـه عليه وسلّمގެ އުޖާލާ މޫނުފުޅެވެ. އެކަމަނާއަށް އިތުރު ސާހިބާصلّى اللّـه عليه وسلّمފެނިވަޑައިގަތުމާއެކު، ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. "މި ޖަމަލާއި، މީގެމަތީގައިވާ ސަވާރު، މާތްاللّـهއަށާއި، އެކަލާނގެ ރަސޫލާއަށް ހިބަކުރަމެވެ."

(ނުނިމޭ)