ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި އަށް ބުރީގެ އިމާރާތެއް އެޅުމަށް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށް ބިންގާ އަޅައިފި އެވެ.

އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެލިއާ ކޮންސްޓްރަކްޝަނާ އެ މަސައްކަތް ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް 29 މިލިއަން ރުފިޔާ އަށް ކަމަށެވެ. އަދި ރޭ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަޙުމަދު ޝިޔާމާއި އެކި ރޭންކްތަކުގެ އޮފިސަރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ އިމާރާތުގައި އޮފީސް ޖާގައަށް ޚާއްޞަ ބަޔަކާއި އެކޮމަޑޭޝަން ބްލޮކަކާއި ނަމާދުކުރުމަށް ޚާއްޞަ ބަޔަކާއި ޖަލްސާކުރާ މާލަމެއްގެ އިތުރުން، ޕާކިންގް ޒޯނެއް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ އިމާރާތެއް އެޅުމަށް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ ވެސް ކޯސްޓްގާޑްގައި ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ކަމަށާއި އަދި އެލިއާގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު އަޠޯ ޢަލީ ކަމަށެވެ.