ޔޫރޯގައި މިހާތަނަށް ހިނގައިދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށް ސްވިޒަލެންޑް ޓީމުގެ ޖާޒީ އިރައިގެން ދިއުމުގެ މައްސަލަ ހިމެނޭނެ އެވެ. އެ ޓީމުގެ ޖާޒީތައް އެހާ ފަސޭހައިން އިރައިގެން ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ ޖާޒީތައް އުފެއްދި "ޕޫމާ" ކުންފުނިން ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ އެ ކުންފުންޏަށް ފާޑު ކިޔަމުންނެވެ.

"ގްރޫޕް އޭ"ގައި ރޭ ފްރާންސާ ދެކޮޅަށް ސްވިޒަލެންޑް ކުޅުނު މެޗުގެ ތެރެއިން ކަރުދާސް ގަނޑެއް އިރައިގެން ދާހާ ފަސޭހައިން ސްވިޒަލެންޑްގެ ބައެއް ކުޅުންތެރިންގެ ޖާޒީތައް އިރައިގެން ދާތަން ފެނިގެންދިޔަ އެވެ. ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލެންޑްގެ ގްރެނިޓް ޒާކާ އާއި، ބްރީލް އެމްބޯލޯ އަދި އަޑްމަޔާ މެހްމެދީގެ ޖާޒީ އިރައިގެން ގޮސްފައިވެ އެވެ.

ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލެންޑްގެ މެހްމެދީގެ ޖާޒީ އިރައިގެން ގޮސްފައި ---

ޕޫމާ އަކީ ގަޔަށް ބާރު ޖާޒީ އުފެއްދުމުގައި މަޝްހޫރު ކުންފުންޏެކެވެ. ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ކްލަބުު އާސެނަލާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ބޭނުން ކުރަމުންދަނީ ޕޫމާ އިން އުފައްދާފައިވާ ޖާޒީތަކެކެވެ.

ސްވިޒަލެންޑްގެ ޖާޒީތައް ފަސޭހައިން އިރައިގެން ދިއުމުގެ އަސްލަކީ ގަޔަށް ބާރު ޖާޒީތަކަކަށް ވުމުން ކަމަށް ބައެއް މީހުން ދެކޭ އިރު، ޖާޒީތައް ތެމުމުން އެ މައްސަލަ ދިމާވެދާނެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލެންޑްގެ އެމްބޯލޯގެ ޖާޒީ އިރައިގެން ގޮސްފައި ---

ފްރާންސްގެ ކުޅުންތެރިންގެ ވަރުގަދަ ކަމުން ޖާޒީތައް އިރައިގެން ދަނީ ކަމަށް ބުނެ ބައެއް މީހު ޖޯކު ޖަހަމުން ވެސް ދެއެވެ. ކޮންމެ ގޮތެއް ވިޔަސް، ޕޫމާ އިން ޖާޒީތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކުންފުނިން އިތުރަށް ވިސްނަން އެބަ ޖެހެ އެވެ.