ޔޫރޯގެ ދެވަނަ ބުރަށް "ގްރޫޕް އޭ"ގެ އެއްވަނަ ޓީމުގެ ގޮތުގައި އަމިއްލަ ގައުމުގައި ކުޅެމުންދާ ފްރާންސް ދަތުރުކުރި އިރު، ދެވަނަ ޓީމުގެ ގޮތުގައި ސްވިޒަލެންޑް ދަތުރުކޮށްފި އެވެ.

ފްރާންސްގެ ސްޓޭޑް ޕިއާ މޯރޯއީގައި މިރޭ ފްރާންސް އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ސްވިޒަލެންޑަށް ގްރޫޕުގެ ދެވަނަ ލިބުނީ އަލްބޭނިއާ އަތުން 1-0 ލަނޑުން މިރޭ ރުމޭނިއާ ބަލިވުމާ ގުޅިގެންނެވެ. އެ ނަތީޖާއާ ގުޅިގެން ރުމޭނިއާ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު އިރު، ތިންވަނަ ޓީމުގެ ގޮތުގައި އަލްބޭނިއާ އަށް ދެވަނަ ބުރުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ. އަލްބޭނިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނީ ގްރޫޕް ބީ އަދި ގްރޫޕް އެފްގައި ކުޅޭ ފަހު މެޗުތަކަށް ފަހު އެވެ. އެ ގްރޫޕުތަކުގެ ތިން ވަނައިގައި އޮންނަ ޓީމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮންނަ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ.

ޔޫރޯގެ "ގްރޫޕް އޭ"ގައި ފްރާންސާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ފްރާންސަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އަންދްރޭ ޕިއާ ގިގްނަކް ނަގައިދިން ހުރަހަކުން ޕައުލް ޕޮގްބާ އުފެއްދި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި ސްވިޒަލެންޑް ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ފްރާންސްގެ ޑިމިޓްރީ ޕަޔެޓް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. ޕަޔެޓްގެ ދެ ހަމަލާއެއް ސްވިޒަލެންޑް ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވި އެވެ.

ޔޫރޯގެ "ގްރޫޕް އޭ"ގައި ރުމޭނިއާ އާއި އަލްބޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-0 ލަނޑުން އަލްބޭނިއާ ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ

އަލްބޭނިއާއާ ދެކޮޅަށް ކުޅެ، ރުމޭނިއާ ބަލިވި މެޗުގައި އެ ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އަލްބޭނިއާ އިން ރުމޭނިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. މެޗުގައި އަލްބޭނިއާ އިން ލަނޑުޖެހީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ލެޑިއާން މެމޫޝާޖް ނަގައިދިން ހުރަހަކުން އަލްބޭނިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާމެންޑޯ ސަޑިކޫ އެވެ.

ޔޫރޯގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ "ގްރޫޕް ބީ"ގެ ފަހު މެޗުތަކެވެ. އެ ގްރޫޕުގައި ސްލޮވާކިއާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗާއި ރަޝިއާ އާއި ވޭލްސް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12:00 ގައެވެ.