ޑީއާރްޕީގެ އިސް މަގާމުތަކަށް މެމްބަރުން ހޮވުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގެ ނިންމުންތައް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެ ޕާޓީން އިކެލްޝަންސް ކޮމިޝަނަށް ހުށަހެޅިއިރު، ހުރިހާ މައުލޫމާތެއް ފުރިހަމަކޮށްފައިނުވާތީ އެ ނިންމުންތައް އިލެކްޝަންސް އިން އަނބުރާ ފޮނުވައިލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނާ ހުރިހާ މައުލޫމާތެއް ޑީއާރްޕީން ފޮނުވައިފައިނުވާ ކަމަށެވެ. އެގޮތުން ޖަލްސާ ހިނގި ގޮތުގެ ޔައުމިއްޔާ ޑީއާރްޕީން ފޮނުވައިފައިނުވާ ކަމަށާއި އެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު އަލުން އެ ނިންމުންތައް ކޮމިޝަނަށް ހުށަހެޅުމަށް އިއްޔެ ޑީއާރްޕީ އަށް އަންގައިފައިވާ ކަމުގައި ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަންގަވައިފައި ވާނެ އެއީ އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުގައި ހިމެނުއްވުމަށް ފޮވޮނުވައިފައިވާ މައުލޫމާތު ކަމުގައިވާ ކަމަށް ވަންޏާ [ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި] ކަނޑައެޅިފައިވާ މައުލޫމާތާ އެއްކޮށް ފޮނުއްވައިދެއްވުމަށް. އެއީ އަޅުގަނޑުމެންނަށް ލިބުނު ބައިގައި މަދުވޭ އެ ޖަލްސާ ހިނގި ގޮތުގެ ޔައުމިއްޔާ. އެ ވެސް ކަނޑައެޅިފައި އޮންނަ ބަޔެއް. އެހެންވީމަ އެކަން ފާހަގަކޮށްފައި ދަންނަވައިފައި އޮންނާނީ ފުރިހަމަނުވާ މައުލޫމާތާ އެކީގައި ފޮނުއްވައިދެއްވުމަށް،" ފުއާދު ވިދާޅުވި އެވެ.

މައުލޫމާތު ފުރިހަމަކުރުމަށް ފަހު ޑީއާރްޕީން ކޮންގްރެސްގެ ނިންމުންތައް ފޮނުވުމުން ކޮމިޝަނުން އެ މައުލޫމާތު ބަލައިގަންނާނެތޯ ސުވާލު ދެންނެވުމުން ފުއާދު ވިދާޅުވީ، ކޮމިޝަނުން މިވަގުތު ހަމައެކަނި ނިންމައިފައި ވަނީ ޑީއާރްޕީން މައުލޫމާތު ހުށަހަޅަން ޖެހޭނީ ފުރިހަމަކޮށްގެން ކަމަށާއި އިތުރު އެއްވެސް ކަމެއް ނިންމައިފައި ނުވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލައާ ގުޅޭ ގޮތުން ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 17 ވަނަ މާއްދާގައިވާ ގޮތުގައި، "ސިޔާސީ ޕާޓީގެ ނަމަށް، ނުވަތަ އެޑްރެހަށް ނުވަތަ އަސާސީ ގަވައިދަށް ނުވަތަ މެނިފެސްޓޯ އަށް، ނުވަތަ ޕާޓީ ތަމްސީލުކުރާ ފަރާތަށް ނުވަތަ އެފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި އެކަން ކޮމިޝަނަރަރަށް ލިޔުމަކުން އަންގަންވާނެ" އެވެ.

ނަމަވެސް،' ޑީއާރްޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ޕާޓީގެ މުޅި ލީޑަޝިޕް ބަދަލުވެފައިވާ އިރު، އެއިން އެއްވެސް ބަދަލެއް މިދިޔަ ބުރާސްފަތި ދުވަހާ ޖެހެންދެން ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައެއް ނުވެ އެވެ.

އެހެންކަމުން، ޑީއާރްޕީ އޮތީ "ގާނޫނީ ހުސްކަމެއް"ގެ ތެރެއަށް ވެއްޓިފައިކަމަށާއި އެ ކޮންގްރެސްގައި އިންތިހާބުކުރި އެއްވެސް މަގާމެއްގަ ބޭފުޅަކު ނުހުންނާނެ ކަމަށް ޒެޑް ފެކްޝަނުން ދަނީ ބުނަމުންނެވެ.

ނަމަވެސް، ފުއާދު މިއަދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނާ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި ޑީއާރްޕީގެ ކޮންގްރެސްގެ ނިންމުންތައް ރަސްމީކޮށް ހުށަހަޅައިފައިނުވި ނަމަވެސް، "ނުރަސްމީކޮށް" ކޮންގްރެސްގެ ނިންމުންތައް ކޮމިޝަނަށް އެނގިފައިވާތީ މިހާތަނަށް ކޮމިޝަނުން މަސައްކަތްކުރަމުން ދިޔައީ އެ ނިންމުންތައް ގަބޫލުކޮށްގެން ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ މުއްދަތުގައި އެ ނިންމުންތައް ފޮނުވައިފަ ނުވާ ނަމަވެސް، ކޮންގްރެސްގެ ނިންމުންތަކަށް ބަދަލެއް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި އޭނާ ވިދާޅުވި އެވެ.

"ހުށަހަޅަންޖެހޭ މުއްދަތު ހަމަވިޔަސް ކޮންގްރެސްގެ ނިންމުންތަކަށް ބަދަލު އަންނާނެ ކަމަކަށް ގަބޫލެއް ނުކުރަން.. ކަނޑައެޅިގެން އިލެކްޝަންސްއަށް އެޑްރެސްކުރައްވައިފައި އެ ނިންމުންތައް ފޮނުއްވައިފައި ނުވިޔަސް އެ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ނުރަސްމީކޮށް އެ މައުލޫމާތު ލިބިގެން ވިޔަސް، ތަފާތު ފަހަރު އަޅުގަނޑުމެން ފޮނުވައިފައިވާ ސިޓީތައް ވެސް އެޑްރެސްކުރެވިފައި ވާނީ އެ ކޮންގްރެސް އަށް ފަހުގައި ]ހުންނެވި] ލީޑާ ތަސްމީން އަލީއަށް. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް ކަން އެ އޮތީ ގަބޫލުކުރެވިފައި." ފުއާދު ވިދާޅުވި އެވެ.