20 Jun 2016, 01:52
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގައި ބޭނުންކުރާ އެޑިޑާސްގެ "ބޫ ޒޫ" ބޯޅައެއް ފަޅައިގެން ގޮސްފި އެވެ.
ފެންވަރު ރަނގަޅު ބްރޭންޑްތަކެއް ބާޒާރަށް ނެރޭ އެޑިޑާސް ކުންފުނިން ޔޫރޯ އަށް ހާއްސަކުރި ބޯޅަ ފަޅައިގެން ގޮސްފައިވަނީ "ގްރޫޕް އޭ"ގައި ފްރާންސާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.
އެ މެޗުގައި ބޯޅަ ފަޅައިގެން ގޮސްފައިވަނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އާއި ސްވިޒަލެންޑްގެ ވެލޮން ބެހްރާމީގެ ކުރިމަތިލުމަކުންނެވެ. ދެ ކުޅުންތެރިންނަށް ބޯޅަ އަށް އެރިގެން ބޯޅަ ފަޅައިގެން ދިއުމާ ގުޅިގެން ރެފްރީ ވަނީ މެޗުގެ ކުޅުން ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލައިފަ އެވެ.
އެޑިޑާސްގެ "ބޫ ޒޫ" ބޯޅައިގައި ހުދު ކުލައިގެ އިތުރުން ހުންނަނީ ނޫ ކުލައާއި ރަތްކުލަ އެވެ. ހުދު، ނޫ އަދި ރަތް ކުލަ އަކީ ފްރާންސުގެ ގައުމީ ދިދައިގައި ހުންނަ ތިން ކުލަ އެވެ.