އާޖެންޓީނާގެ ލެޖެންޑް ގެބްރިއެލް ބަޓިސްޓޫޓާގެ ގޯލް ޖެހުމުގެ ރެކޯޑާ އަރާ ހަމަކުރެވުމުން ފަހުރުވެރިވާ ކަމަށް ލިއޮނެލް މެސީ ބުނެފި އެވެ.

އާޖެންޓީނާގެ ގައުމީ ޓީމުގައި ބަޓިސްޓޫޓާ ހަދާފައިވާ ރެކޯޑާ، މެސީ އަރާ ހަމަކޮށްފައިވަނީ ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި ވެނެޒުއޭލާ އަތުން 4-1 ލަނޑުން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ޖެހި ލަނޑުންނެވެ. މިހާރު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ މެސީ އަދި ބަޓިސްޓޫޓާ، ކޮންމެ ކުޅުންތެރިޔަކު ވަނީ 54 ލަނޑު ކާމިޔާބުކޮށްފަ އެވެ.

"އަހަރެން ބަޓިސްޓޫޓާގެ ރެކޯޑާ އަރާ ހަމަކުރީ. އަދި އަހަރެންނަށް އެ ރެކޯޑު މުގުރާލެވުނީކީއެއް ނޫން. ބަޓިސްޓޫޓާއާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައި އޮތުމަކީ އަހަރެންނަށް ލިބޭ ޝަރަފެއް. އަހަރެން އުފާވަނީ ހަމައެކަނި މެޗުގައި ލަނޑު ޖެހުނީމައެއް ނޫން. އަހަރެންނަށް ޓީމަށް އެހީތެރިވުމުގެ ގޮތުން ފުރަތަމަ ލަނޑު ޖެހުމަށް ގޮންޒާލޯ ހިގުއައިން އަށް އެހީތެރިވެވުމުން ވެސް އުފާކުރަން،" އާޖެންޓީނާގެ ނޫހެއް ކަމަށްވާޓެލަމްއަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާގެ ކުއާޓާގައި އާދީއްތަދުވަހު 4-1 ލަނޑުން މޮޅުވެ، އާޖެންޓީނާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ސެމީގައި އަންނަ ބުދަ ދުވަހު އާޖެންޓީނާ ނުކުންނަން ޖެހޭނީ އެމެރިކާއާ ދެކޮޅަށެވެ.