20 Jun 2016, 01:04
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަމުންދާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުރީގައި އޮއްވާ، އިސްމާއިލް އީސަ (މެސީ) ޖެހި ލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ސަލާމަތްވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާ އާއި ޔޫވީ ބައްދަލުކުރި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ ނަތީޖާއާއެކު ލީގުގެ އެއް ވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު، ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޔޫވީ އޮތީ ލީގުގެ ހަތަރު ވަނައިގައެވެ. ލީގުގެ ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ބިދޭސީ ފޯވަޑް ކެރިޗް އަންދްރެޗް އެވެ. ޔޫވީ އަށް އެ ޕެނަލްޓީ ލިބުނީ، ޕެނަލްޓީ އޭރިޔާ ތެރެއިން މާޒިޔާގެ ކުޅުންތެރިޔަކު ބޯޅާގައި އަތްލުމުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔޫވީ އަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތުތަކެއް ލިބުނު އިރު، މާޒިޔާ އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ޔޫވީގެ ކެރިޗް އާއި މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔޫވީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 53 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މާޒިޔާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު މެސީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި މާޒިޔާ އަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ފޮނުވާލި ހަމަލާ އަރިމަތީ ދަނޑީގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް، ޔޫވީގެ ގޯލު ލައިން މަތިން ސަލާމަތްކޮށްދިނީ ޑިފެންޑަރު މަޒުހަރު އަބްދުﷲ (މަޒޭ) އެވެ.
ލީގުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ބީޖީ ސްޕޯޓްސް އެވެ.