18 May 2011, 13:09
ނިއު ސެވަން ވޮންޑާސް މުބާރާތުން ރާއްޖެ ވަކިވާން ނިންމިއިރު އެ މުބާރާތައް ރާއްޖެއިން ގާތްގަނޑަކަށް 12000 ޑޮލަރު (181680ރ.) ހަރަދުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ނިއުސެވަން ވޮންޑާޒްގައި 2009 ވަނަ އަހަރު ރާއްޖެ ބައިވެރިވިތާ ތިން އަހަރު ފަހުން އެ މުބާރާތުން ރާއްޖެ ވަކިވާން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމުމާއި ގުޅިގެން އެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރައްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮއްޔިބު މުހަންމަދު މިއަދު ވިދާޅުވީ ނިއު ސެވަން ވޮންޑާޒްއަށް ރާއްޖެ ފައިނަލްވުމާއި އެކު އެ މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުން ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް ބޮޑެތި ފައިސާގެ އަދަދުތަކެއް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް އެފަރާތްތަކުން އެދިފައިވާ ކަމަށެވެ.
"މިފަހަކަށް އައިސް އަޅުގަނޑުމެންގެ ކިބައިން ބޮޑަތި ފައިސާގެ އަދަދުތަކަކަށް މި އެދުނީ. ދުވަސް ކޮޅެއް ވެއްޖެ މިކަހަލަ ބޮޑަތި އޮޅުވާލުންތަކެއް އުޅޭކަން އަޅުގަނޑުމެންނަށް ފާހަގަ ވެގެން އުޅޭތާ. އެބޭފުޅުން ދިރާގާއި ވާހަކަ ދެއްކި، ސުޕޮންސާ ހޯދުމަށް. އަނެއްކާ ކުއްލިއަކަށް އެހާ ބޮޑު އަދަދެއް ކޮންމެހެން ވެސް ދައްކަން ޖެހޭނެ ކިޔާފައި މިކޮޅުން ވާހަކަދެއްކީމާ އެއްދުވަހުގު ތެރޭގައި އަގުވެސް ތިރިކޮށްދީފި. މިކަމުގައި ޝައްކުވާ ކަންކަން އެބަހުރި،" ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ރައީސް އުފައްދާވާފައިވާ ޕީއާރް ފާމްގެ ޗެއާމަން ކަންވެސް ކުރައްވާ ތޮއްޔިބު ވިދާޅުވި އެވެ.
ނިއުސެވަން ވޮންޑާޒް ގުރޫޕުން 2009 ވަނަ އަހަރު ސަރުކާރަށް ހުށަހެޅި ޕްރޮޕޯޝަލް އިވެލުއޭޓް ކުރުމަށްފަހު އެފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި 199ޑޮލަރު ދީގެން ރާއްޖެއިން ބައިވެރިވި ފަހުން ނިއު ސެވަންވޮންޑާޒްއިން ހިންގާ ޕްރޮމޯޝަން ތަކުގައި ބައިވެރިވުމަށް 500000 ޑޮލަރު މިއަހަރުގެ ޖުލައި މަހުގެ ކުރިން ދެއްކުމަށް ނިއު ސެވަން ވޮންޑާޒް ގުރޫޕުން ވަނީ އެދިފަ އެވެ. ނަމަވެސް އެ މުބާރާތުގައި ރާއްޖެއިން ބައިވެރި ވުމަށް ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ޕްރޮމޯޝަންގެ ކަންކަން ކުރިއަށް ގެންދާނީ އެ ގައުމަކުންނެވެ. އަދި އެ އެއްބަސްވުން އެ ގުރޫޕަށް ވަކި އެއްޗެއް ދޭން ރާއްޖެއިން އެއްބަސްވެފަ އެއް ނުވެ އެވެ.
ސަރުކާރުގެ ޕީއާރް ފާމުގެ ފަރާތުން އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު ފާހަގަ ކުރެވުނު ބޮޑެތި ކަންބޮޑުވުންތައް ވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު މީޑިޔާ ހިއްސާ ކުރި އެވެ. އެގޮތުން އޮންލައިން ވޯޓިންގައި އޮޅުވާލުންތަކެއް ހުރުމާއި އދ. ގެ ހެރިޓޭޖާއި ބެހޭ ޖަމްއިއްޔާއިން ނިއު ސެވަން ވޮންޑާޒް އާއި ދެކޮޅަށް ނޫސްބަޔާނެއް ނެރެފައިވާ މައްސަލަވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބޮޑެތި މީޑިޔާ އެޖެންސީތަކުން ނިއުސެވަން ވޮންޑާޒްއަށް އެއްވެސް ކަވަރޭޖެއް ދީފައިނުވާކަން ވެސް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރި އެވެ.
"ނިއު ސެވަން ވޮންޑާޒް އޭ ބުނީމާ ނޭންގޭ އެތައް ބަޔަކު އެބައުޅޭ. އެކަހަލަ ކަމަށް އެތައް ލާރިތަކެއް ހަރަދު ކުރުމުގެ ބޭނުމެއް ނެތް. އަނެއް ކޮޅުން ވިސްނާލުން މުހިންމު އަޅުގަނޑުމެން މީގެ މަހެއްހާ ދުވަސް ކުރިން މިކަމަށް މަސައްކަތް ކުރުން ހުއްޓާލައިފިން. އެކަމަކު އިއްޔެ ރާއްޖެ އެބައޮތް ދެވަނައިގައި. އަނެއްކާ މިއަދު ވެއްޓިއްޖެ ކުއްލިއަކަށް ހަތް ވަނައަށް. އެހެންވީމާ މީގެން އެބައިނގޭ މި ކޮޅުން ބަޔަކާއި ގުޅިގެން ނޫނީ އެމީޙުން ވަރަށް ރަނގަޅަށް ރާއްޖެ ފޮލޯކޮށްގެން ކުރާ ކަމެކޭ މިއީ،" ނިއު ސެވަން ވޮންޑާޒްގެ މުބާރާތުގެ ސައްހަކަމާއި މެދު ސުވާލު އުފައްދަވަމުން ތޮއްޔިބު ތުހުމަތު ކުރެއްވި އެވެ.
ރާއްޖެ ނުލައި އިތުރު 20 ގައުމަކުން ބައިވެރިވާ ދުނިޔޭގެ ފެންވަރުގެ އެ މުބާރާތުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކޮށް ރާއްޖެއިން އެ މުބާރާތުން ވަކިވިއިރު އަވައްޓެރި އިންޑޮނޭޝިޔާއިންވެސް ވަނީ ރާއްޖެއަށް ދިމާވިފަދަ އެގްރިމެންޓާއި ހިލާފު މައްސަލަތަކެއްގައި ނިއުސެވަން ވޮންޑާޒްއިން ވަކިވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މުބާރާތުން ރާއްޖެ ވަކިވުމުން ދިމާވާނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި އެކަމުން ރާއްޖެއަށް ކުރާނީ ފައިދާ ކަމަށެވެ.
"އަޅުގަނޑުމެން ލޯޔަރުންނާއި ވެސް މަޝްވަރާކޮށްފިން. މިކަމުން ދިމާވާނެ އެއްވެސް މައްސަލައެއް ނެތް. ރާއްޖެއަށް އެވޯޑެއް ނުލިބުނަސް މިއީ ޕްރައިވެޓް ސެކްޓަރުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން މަގުބޫލުކަން ލިބިފައިވާ މަންޒިލެއް،" ތޮއްޔިބު ވިދާޅުވި އެވެ.
ނިއުސެވަން ވޮންޑާޒްގެ ބާނީ ބާނާޑް ވެބާއަކީ ފިލްމު އުފެއްދުމާއި ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކުރާ މީހެއް ކަމަށް ދައުވާކުރާ ސުވިޒަލޭންޑްއަށް އުފަން ކެނޭޑިއަން ރައްޔިތެކެވެ. އިންޑޮނޭޝިޔާއިން ނިއުސެވަން ވޮންޑާޒްއިން ވަކިވުމާއި އެކު ބާނާޑް ވަނީ އިންޑޮނޭޝިޔާގެ ސަރުކާރަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ.