ރައްކާތެރި އަދި ހަމަހަމަ ޝަރުއީ ނިޒާމެއް ނެތި މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރާ ވާހަކަ ސަރުކާރުން ދައްކަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި މަރުގެ އަދަބު ދިނުން ހުއްޓާލަން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ގޮވާލައިފި އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަރުގެ ހުކުމަކީ މި ސަރުކާރުން ސިޔާސީ ބޭނުމަކަށް، އޮއްބާލަން ބޭނުންވާ ކަންތައްތަކެއް ފޮރުވުމަށާއި ސިޔާސީގޮތުން ރުއްސަން ބޭނުންވާ ވަކި ދީނީ ބަޔަކު ހިތްހަމަޖެއްސުމަށް ކުރާކަމެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.

"ޝަރުއީ ނިޒާމުގެ ތެރޭގައި އިންސާފާއި، ރައްކާތެރިކަން ގެއްލިފައިވާ މި ދަނޑިވަޅުގައި، އިންސާފުން އެއްކިބާވެ، ސިޔާސީގޮތުން މަންފާއެއް ހާސިލްކުރުމަށް ނުވަތަ ދީނީގޮތުން ވަކިބަޔަކު ރުއްސުމުގެގޮތުން ކުރާ މިފަދަ ކަމަކީ ނުހަނު ބިރު ބޮޑު އަމަލެކެވެ.،" ބަޔާނުގައި ބުނެފައިވެ އެވެ.

އިއްތިހާދުން ބުނީ، ޝަރުއީ ނިޒާމާ މެދު ދިވެހި ރައްޔިތުންނާއި އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ ވެސް އިތުބާރު އެއްކޮށް ގެއްލިފައިވާ ދަނޑިވަޅެއްގައި އިންސާނުންގެ ފުރާނަ ހިފުން ފަދަ ބޮޑެތި ހުކުމްތައް ދިވެހި ސަރުކާރުން ތަންފީޒުކުރުމަށް ފޫގަޅާފައިވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ސަރުކާރާ، ވާދަވެރި ފަރާތްތައް ނެތިކޮށްލުމަށާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ޖަރީމާތަކުގެ ހެކި ނެތިކޮށް މުސްތަގްބަލުގައި ވެސް އެކަންކަން އަލުން ތަހުގީގު ކުރެވޭނެ އެންމެހައި ދޮރުތައް ބަނދުކުރުމަށް ހިންގާ ޖަރީމާ އެއް،" ބަޔާނުގައިވެ އެވެ.

އިއްތިހާދުން ބުނީ، ކުއްލިގޮތަކަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ވާހަކަދައްކަވަމުންދާއިރު، އެންމެ ފުރަތަމަ މަރުގެ ހުކުމް ތަންފީޒުކުރުމުގެ އިހްތިމާލު އޮތީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި ދައުވާ ލިބޭ ފަރާތުގެ ބަޔާންތަކުން މިއީ މި މައްސަލައިގެ ތަހުގީގު ފުރިހަމަނުވެ ތަންފީޒުކުރެވިގެންދާ ހުކުމަކަށްވުމުގެ ބިރު ބޮޑު ކަމަށް އިއްތިހާދުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ގެއްލިފައިވާ މިވަގުތު މިފަދަ ބޮޑު ހުކުމެއް އިއްވައި ތުހުމަތު ކުރެވޭ މީހަކު މަރާލުމަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުންފަދަ ބޮޑެތި ޖަރީމާތަކުގެ އެންމެ އަޑީގައި ތިބި ފަރާތްތައް ހޯދުމަށާއި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ." އިއްތިހާދުން ބުނެ އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުން ކުރެވޭ ބޮޑެތި ހުކުމްތަކުގެ ރައްކާތެރިކަން ނެތުމުގެ އިތުރަށް، ކަނޑައެޅިގެން އިންސާފުން އެއްކިބާވެފައިވާކަން ފާހަގަކޮށް އިއްތިހާދުން ބުނީ، އެ ފަދަ ކޯޓު ތަކުން ނިންމައި މީހެއްގެ ފުރާނަ ނަގާލުން ވެގެންދާނީ އިޖްތިމާއީ ބިރުވެރިކަމަކަށް ކަމަށެވެ.

އިއްތިހާދުން ބުނީ، މުޖުތަމައު އިސްލާހް ކުރުމަށްޓަކައި މާތް ވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ އެންމެ އަސާސީ އެއްކަމަކީ ހެޔޮ ނަސޭހަތާއި ރީތި މިސާލު ދައްކައިގެން ރަނގަޅު ތަރުބިއްޔަތު ދިނުން ކަމަށެވެ.