އެއާއިލާގެ އުމުރުން ދުވަސްވީ މަންމަ އާއި ބައްޕަ ހައްޖަށް ފޮނުވުމުގެ މަސައްކަތް ފެށި އެވެ. އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފައިވާ މިންވަރަށް ފައިސާ އެއްކުރި އެވެ. އެއަށް ފަހު ޖާގަ ހޯދުމުގެ މަސައްކަތް ފެށި އެވެ. ޖާގަ ހޯދަން ދިއުމުން ލިބުނު ޖަވާބަކީ ޖާގަ ލިބޭނީ އިތުރަށް ފައިސާ ދެއްކުމުން ކަމަށެވެ. އެގޮތުން ކޮންމެ މީހަކަށް އިތުރަށް 25000 ރުފިޔާ ދައްކަންޖެހުނެވެ.

"މަންމަ އާއި ބައްޕަ ކޮންމެހެން ބޭނުންވޭ މިއަހަރު [ހައްޖަށް] ދާން، އޭގައި މަކުރާނެ ކަމެއްނެތް، އެހެންވީމާ އިތުރަށް ދަށްކައިފިން 50000 ރުފިޔާ." ފައިސާ ދެއްކި ފަރާތަކުން ބުންޏެވެ.

އިސްލާމްދީނުގެ ފަސް ވަނަ ރުކުން ކަމުގައިވާ ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް ވެސް މިޖެހެނީ ގަނަތެޅޭށެވެ. ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވާ އަމިއްލަ ބައެއް ފަރާތަކުން އެ ދަނީ މަކަރާއި ހީލަތް ހަދަމުންނެވެ. ސަން އިން ބެލިބެލުމުން ސަރުކާރުން ހުއްދަ ދީފައިވާ މިންވަރަށް ވުރެ އެތައް ގުނައެއް އަގުބޮޑުކޮށް މީހުންގެ އަތުން ހައްޖު ޖަމާއަތްތަކުން ފައިސާ ނަގަ އެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް ފުރާ ދިވެހިންގެ ދެވަނަ ގުރޫޕު -- ސަންފޮޓޯ/ އަލީ ނަސީރު

މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އަށް ކުންފުންޏަކަށް 80 ކޯޓާގެ ރޭޓުން ކޯޓާ ދޫކޮށްފައިވާ އިރު އިސްލާމިކް މިނިސްޓްރީ އިން ހުއްދަދީފައި ވަނީ ދަށްކޮށް 57999 ރުފިޔާ ނެގުމަށެވެ. އަދި އެންމެ މަތިން ހުއްދަދީފައިވާ ފަރާތަށް ހުއްދަދީފައި ވަނީ ވީއައިޕީ ޕެކޭޖެއްގެ ގޮތުގައި 112129 ރުފިޔާ ނެގުމަށެވެ. އާންމު ރޭޓް އުޅެނީ 65000 ރުފިޔާ އަށެވެ. އިތުރަށް ފައިސާ ނެގުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އެ ރޭޓުގެ ބަދަލުގައި އެ ކޯޓާތައް އެތައް ގުނައެއް އަގު ބޮޑުކޮށް ދަނީ ވިއްކަމުންނެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ގަވައިދު ބުނާ ގޮތުން ހައްޖަށް ދިއުމަށް ދައްކާ ފައިސާ ދައްކަން ޖެހޭނީ އެ ގްރޫޕެއްގެ ނަމުގައި ހަދާފައިވާ އެކައުންޓަކަށެވެ. ނަމަވެސް ބައެއް ޖަމާއަތްތަކުން ކަންކުރަމުންދާ ގޮތަކީ މިނިސްޓްރީން ހުއްދަދީފައިވާ އަދަދު އެ އެކައުންޓަށް ޖަމާކޮށް އިތުރަށް ނަގާ ފައިސާ ނަގުދު ފައިސާ އިން ހުށައަޅަން އަންގަނީ އެވެ. ހަމަ އަގު ދެއްކި ސުލިޕާއި އިތުރަށް ދެއްކި ފައިސާއަށް އިތުރު ސުލިޕް ދެނީ އެވެ.

އެމާތް އަޅުކަމަށް ދާން ބޭނުންވާ ފަރާތްތަކަށް ވެސް މިޖެހެނީ ބައެއްގެ މަކަރުގައި ޖެހެންށެވެ. އިތުރަށް ފައިސާ ދައްކާށެވެ. ވަކި އަދަދަކަށް ހުއްދަ ދީފައިވީ ނަމަވެސް އެކަން ތަންފީޒު ވާގޮތެއްނުވި އެވެ. ނަތީޖާއަކީ ނިކަމެތިން އިތުރު ހޭދައެއް ކުރަންޖެހުމެވެ. އޭގެ އިތުރުން ވެސް ތަފާތު އެތައް ކަމެއް ނުގަވައިދުން އެބަހިނގަ އެވެ.

ހައްޖަށްދާ މީހުން ފުރުން -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖަށް މީހުން ގެންދިއުމުގެ ގަވައިދު ބުނާ ގޮތުން މެޑިކަލް ޓެސްޓްތަކުން ފާސްވެފައިވާ ނަމަ އެމީހަކު ހައްޖަށް ގެންދަން ޖެހޭނެ އެވެ. ނޫނީ އެހީތެރިޔަކާ އެކު ގެންދަން ޖެހެ އެވެ. ނަމަވެސް ބައެއް ޖަމާއަތްތަކުން ދަނީ އެ އުސޫލާ ވެސް ހިލާފަށް މަސައްކަތް ކުރަމުންނެވެ. ސިއްހީ މައްސަލައެއް ނެތި ހިނގުމުގައި ނުވަތަ އެހެންކަމެއްގައި ވެސް ކުޑަ ނަމަވެސް ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކުން ދަނީ ބާކީ ކުރަމުންނެވެ. އަދި އެކުގައި އެހީތެރިޔަކު ދާން ހުރި ނަމަވެސް ފުރުސަތެއްނުދެ އެވެ. އެކަމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ހައްގު އެވަނީ ގެއްލިފަ އެވެ.

"މިބުނަނީ މަންމަ ދައްކާލަން ގެންނާށޭ، ދެން މަންމަ ގޮވައިގެން ދިއުމުން މަންމަ ކައިރި މިބުނަނީ ހިނގާލާށޭ، މަންމަ ހިނގުމުގައި ކުޑަ ދަތިކަމެއް ހުންނާނެ، ދެން މިބުނަނީ މަންމައަކަށް ނުދެވޭނެއޭ، އެކަމަކު އަހަރެންނަށް ދެވޭނޭ، އަހަރެންނަކީ މަންމަގެ އެހީތެރިޔަކަށް ދާ މީހާ،" ހައްޖަށް ދިއުމުގައި ދިމާވި ކަންތައް ހިއްސާ ކުރި ފަރާތަކުން ބުންޏެވެ.

އަދިވެސް އެފަދަ ކަމެއް ފާހަގަކޮށްލާނަމެވެ. ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދޭ އިރު ޖަމާއަތްތަކަށް އަންގާފައި ވަނީ ހައްޖަށް ނުގޮސްތިބި ފަރާތްތަކަށް އިސްކަން ދިނުމަށެވެ. ނަމަވެސް އެކަމަށް ނުބަލައި ގިނައިން ފައިސާ ދައްކާ ފަރާތްތަކަށް ފުރުސަތު ދެމުން އަންނަ ކަމަށް ހައްޖަށް މީހުން ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި އެކަންކަން ބެލޭނެ ރަނގަޅު ނިޒާމެއް ނެތް ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހައްޖަށްދާ މީހުން ފުރުން -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖަށް ދިއުމަށް މީހުން ގެންދިއުމުގެ ހުއްދަ ދެނީ އެ ޖަމާއަތްތަކުން އެހިދުމަތްދެވޭނެ ކަމަށް ކަނޑައަޅައި ހުށައަޅާ އަގުތަކަށެވެ. އެހެންކަމަށްވާ ނަމަ ފަހުން އިތުރަށް އަގުތައް ނަގަންޖެހޭ ސަބަބެއްނެތެވެ.

ޒައީ ހައްޖު ގްރޫޕުގެ ވެރިޔާ އަބްދުﷲ ނަސްރު ވިދާޅުވި ގޮތުގައި އެޖަމާއަތުން އިތުރަށް އެއްވެސް ވަރަކަށް ފައިސާއެއް ނުނަގަ އެވެ. އެހެން ޖަމާއަތްތަކުން ފައިސާ ނަގާ ކަމަށް ދެކެވޭ ވާހަކަ އަށް އޭނާ ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ.

ސަރުކާރުން ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް ބައެއް ޖަމާއަތްތަކުން ފައިސާ ނަގަމުންދާ އިރު ނަސްރު ވިދާޅުވީ ކަނޑައަޅާފައިވާ އަގުގައި އެކަން ކުރެވެން އެބަ އޮތް ކަމަށެވެ.

ހައްޖުގެ މާތް އަޅުކަން އަދާ ކުރަން ދާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެދަތިތަކާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ވަރަށް ބޮޑެތި ޝަކުވާތައް އެ މިނިސްޓްރީ އަށް ހުށައަޅަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ބަލައި އެކަން ކުރާ ޖަމާއަތްތަކަށް އަންގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ކައިރިން ބަލަމުންދާނީ، އެގޮތަށް ފައިސާ ނަގަމުންދާ މީހުންނަށް މިކޮޅުން ވާނެ އަންނާގަފައި އެކަން އެނގިއްޖެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ސައްތައިން ސައްތަ މުސްލިމުން އުޅޭ މި ގައުމަށް ކޮންމެ އަހަރަކު ހައްޖަށް މީހުން ގެންދިއުމަށް މިލިބެނީ 2000 މީހުންގެ ޖާގަ އެވެ. ހައްޖަށް ދާން ބޭނުން މީހުން އިންތިހާ އެވެ. ބުރަބޮޑު ދިރިއުޅުމުގެ ތެރެއިން ލިބޭ އާމްދަނީ އިން ބައެއް ފޮރުވައިގެން އެކަމަށް އެދިއެދި ތިބި މީހުން އިންތިހާ އެވެ. އެވަރުން ކުރާ މަސައްކަތުގައި ވެސް މިދަނީ މަކަރާއި ހީލަތް ހަދަމުންނެވެ.