ތޫނިސް: ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ އަނބިކަނބަލުން ސަފިއްޔާ އާއި ދަރިކަނބަލުން ޑޮކްޓަރ ޢާއިޝާ އާއި ދޮށީ ފިރިހެން ދަރިކަލުން މުޙައްމަދު، ކުއްލިގޮތަކަށް އަވަށްޓެރި ތޫނިސްއަށް ވަޑައިގެންފިކަމަށް ޚަބަރު ލިބިއްޖެވެ.

ތޫނިސްގެ ބައެއް ދާއިރާތަކާ ޙަވާލާދީ ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް ބުނިގޮތުގައި ޑޮކްޓަރ ޢާއިޝާއާއި އޭނާގެ މަންމަ ސަފިއްޔާ މިހާރު ތިއްބެވީ ތޫނިސްގެ ޖިރްބާ ޖަޒީރާގެ ލަގްޒަރީ ހޮޓަލެއްގައި ކަމަށާއި އެދެމައިން ސަރަޙައްދީ ރޮނގު ހުރަސްކޮށް ތޫނިސްއަށް ވަޑައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

ގައްޒާފީގެ ދޮށީ ދަރިކަލުން މުޙައްމަދު ތޫނިސްއަށް ވަޑައިގެންނެވިކަން ތޫނިސްގެ ރަސްމީ ފަރާތްތަކުންވެސްވަނީ ކަށަވަރުކޮށްދީފައެވެ. މުޙައްމަދު ތޫނިސްއަށް ވަޑައިގެންނެވި ކަމަށްވަނީ އިއްޔެ ހަވީރުގައެވެ.

ނޭޓޯގެ ޙަމަލާތައް ގައްޒާފީގެ ބާބުލްޢަޒީޒިއްޔާ ރިޔާސީ އެކުވެންޏަށް ތަކުރާރުކޮށް އަމާޒުކުރަމުން ގެންދިޔުމާގުޅިގެން ގައްޒާފީ ޓްރިޕޮލީން ބޭރުތަނަކަށް ވަޑައިގެންނެވި ކަމުގެ ޚަބަރުތަކެއް ދާދިފަހުންވަނީ ފެތުރިފައެވެ. އެއަށްފަހު ގައްޒާފީވަނީ ނޭޓޯއަށް ވާސިލްނުވެވޭނެ ތަނެއްގައި ފިއްލަވައިގެން ހުންނެވިކަމަށް ވިދާޅުވެ ލީބިޔާގެ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވާފައެވެ.

ގައްޒާފީގެ ސަރުކާރުގެ ބައެއް އިސް މަސްއޫލުވެރިން ވޭތުވެދިޔަ ދެދުވަހުގެ ތެރޭގައި ތޫނިސްއަށް ވަޑައިގަތުމަށްފަހު ބޭރުގެ ބައެއް ޤައުމުތަކަށް ފިއްލަވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިގޮތުން ލީބިޔާގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ ތެލާބެހޭ އިސްމަސްއޫލުވެރިޔާ ޝުކްރީ ޣާނިމްއާއި ލީބިޔާގެ ޢަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބު ޢަބްދުﷲ މަޙްމޫދުލްޙިޖާޒީ އިއްޔެ ތޫނިސްއަށް ވަޑައިގަތުމަށްފަހު ޔޫރަޕްގެ ކޮންމެވެސް ޤައުމަކަށް ފިއްލަވައިފި ކަމުގެ ޚަބަރު ތޫނިސްގެ ރަސްމީ ނޫސްއެޖެންސީންވަނީ ފަތުރާފައެވެ. (ނޫސްއެޖެންސީތައް)